ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިފި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ ދަތުރުތަކަށް ފަސޭހަ ކުރުމުގެ ގޮތުން، ބޮޑު ތަކުރުފާނު މަގުން ފުޅާ ކުރަން ހަމަޖެއްސި ސަރަހައްދުގައި ތާރު އަޅައި މިއަދު ނިންމައިފި އެވެ.


މާލޭގެ މަލަމަތި ފެންނަ ފޮޓޯއަކާ އެކު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖާ ގުޅިގެން ހަދާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ނިމުމާ ގުޅިގެން ދެން ހުރި މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ނިންމާފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
މުއިއްޒު މިއަދު ކުރެއްވި ޓުވީޓު.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ތާރު އެޅި އިރު، އެ މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑު ތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ވަނީ ފުޅާ ކޮށްފަ އެވެ. އެ މަގު ފުޅާކުރަނީ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށެވެ.

ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑު ތަކުރުފާނު މަގުގެ އުތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.

ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިންމާފައިވާއިރު، އެ މަގުން މިއަދު ހެނދުނު ބަޔަކު ހިނގާފައި ދަނީ.---ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/މިހާރު

ހުޅުލޭ ކޮޅުން، ބްރިޖާ ގުޅޭ މަގުތައް ހަދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ވެސް މިއަދުގެ ނިޔަލަށް ނިމޭނެ ކަމަށްވެ އެވެ. މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި ބްރިޖާ ގުޅޭ މަގުތައް ނިމުމުން، މާލެ ތޮއްޖެހުމުގެ މައްސަލަ އަށް ވެސް ބޮޑު ލުޔެއް ލިބޭނެ އެވެ.

މާލޭގެ ބޮޑު މަގުގައި ތާރު އަޅައި ނިންމި އިރު، ހުޅުލެ އާއި މާލެއާ ދެމެދު އެޅި ބްރިޖު މިރޭ ހުޅުވުމަށް ވަނީ ތައްޔާރުވެފަ އެވެ. އެކަމަކު، އާންމުންނަށް ބްރިޖުން ދަތުރު ކުރެވޭނީ އަންނަ މަހުގެ 7 އިން ފެށިގެންނެވެ. އެކަމަކު، މާދަމާ އިން ފެށިގެން ބްރިޖު މަތީގައި ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.