އެސްޓާސް އިން ލެޕްޓޮޕް ވަގަށް ނަގާ މީހުން ފަޅާއެރީ ވީޑިއޯއިން

މާލޭގައި އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ދެ ފިހާރައަކުން މި މަހުގެ ތެރޭގައި އަށް ލެޕްޓޮޕް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.


މިމަހުގެ 14 ވަނަ ދުވަހާއި 27 ވަނަ ދުވަހާ ދެމެދު އެސްޓާސްއިން ހަތް ލެޕްޓޮޕް ވަގަށް ނަގާފައިވާއިރު ވިއުނެޓް ކޮމްޕިއުޓާސް ފިހާރައިން މި މަހުގެ 10 ވަނަ ދުވަހު ވަނީ ލެޕްޓޮޕެއް ވަގަށް ނަގައިފަ އެވެ.

މި ވައްކަންކުރި މީހުން އެނގޭހާ ސާފުކޮށް ސީސީޓީވީ ކެމެރާ އަށް އަރާފައިވެ އެވެ.

ވައްކަމުގެ މި މައްސަލަތައް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެސްޓާސްގެ އޮފިޝަލަކު ވިދާޅުވީ އެ ފިހާރައިން ވަގަށް ނެގި ލެޕްޓޮޕްތަކުގެ އަގު 77،000ރ. އަށް އަރާ ކަމަށެވެ. ވިއުނެޓް ފިހާރައިން ވަގަށް ނަގާފައި ވަނީ 9،000ރ. ގެ ލެޕްޓޮޕެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ލެެޕްޓޮޕްތައް ވަގަށް ނެގި މީހުން ލެޕްޓޮޕްތައް ނަގައިގެން ގެންދަނީ ލައިގެން ތިބި ފަޓުލޫނުގެ ތެރެއަށް ލެޕްޓޮޕް ލައި، ގަމީސް ނުވަތަ ޓީޝާޓުން ނިވާކޮށްގެންނެވެ.

އެސްޓާސް އިން ހަތް ލެޕްޓޮޕް ވަގަށް ނެގީ ދެ މީހަކު އެކި ރޭ މަތިންނެވެ. އެ ދެ މީހުން ވައްކަންކުރަން ވަދެ އުޅެނީ އެކުގަ އެވެ. ޑިސްޕްލޭގައި ލޮކް ނާޅުވައި ހުންނަ ލެޕްޓޮޕްތައް ނަގަނީ، ފިހާރައިގެ މުވައްޒަފުން ދުރަށް ޖެހިލާ ވަގުތު އެވެ.

ވިއުނެޓް ފިހާރައިން ވެސް ލެޕްޓޮޕް ވަގަށް ނަގަނީ ހަމަ އެސްޓާސްއިން ނެގި ގޮތަށް ފަޓުލޫނުގެ ތެރެއަށް ލައިގެންނެވެ. ނަމަވެސް އެ ފިހާރައިން ވައްކަން ކުރުމަށް ތިން މީހަކު ވަދެ ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކު އެ ފިހާރައިގައި ހުންނަ މުވައްޒަފުގެ ދެ ފަރާތުގައި ތިބެ އެއްޗެހިތަކެއްގެ އަގުތައް އަހަ އެވެ. އެކަނި ހުންނަ އެ މުވައްޒަފާ ވާހަކަ ދައްކަން ދެ މީހަކު ހުއްޓައި ޓީޝާޓެއް ލައިގެން ހުރި މީހަކު ލެޕްޓޮޕެއް ވަގަށް ނަގައިފަޓުލޫނުގެ ތެރެއަށްލަ އެވެ. އަނެއް ދެ މީހުން ތިބެނީ އެ މަންޒަރު ނުފެންނާނޭހެން މުވައްޒަފުގެ ދެ ފަރާތުގަ އެވެ.

ފެންނަ ފެނުމަށް އެ ދެ ފިހާރައިން ވައްކަން ކުރި ފަސް މީހުންނަކީ ވެސް މެދު އުމުރުގެ ބައެކެވެ.

ފިހާރަތަކުން ވާހަކަ ދެއްކި މީހުން ބުނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވިޔަސް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. ވަގަށް ނަގާފައިވާ ލެޕްޓޮޕްތައް ހޯދިފައި ނުވާއިރު އެކަން ކުރި މީހުން ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ނާންގާ ކަމަށް އެމީހުން ބުންޏެވެ.