އިިތުރު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން އިތުރު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން ކަމަށް ބުނެ، 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިއަދު ހުކުމް ކުރި އިރު، އެހެން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް މި މަހު ކުރީކޮޅު ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

ގޮނޑި ނުގެއްލޭ ކަމަށް މިއަދު ކަނޑައެޅީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

އެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ވަކިވަކިން ކުރެއްވި އެ ހަތަރު ހުކުމުގައި ވެސް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ފުލް ބެންޗުގެ އިއްތިފާގުން ނިންމާފައިވަނީ އެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ހުކުމުގައިވަނީ ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް، ފްލޯ ކްރޮސިންއާ ބެހޭ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެ ހަތަރު ބޭފުޅުން ވެސް އަމިއްލަ އަށް ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވާފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދު އޮތް ގޮތުން މެމްބަރަކު ޕާޓީން ވަކިވާން އެދި ހުށަހަޅާ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވީ ކަމަށް ބަލަންޖެހޭތީ، ހުކުމުގެ ކުރިން އެ ހަތަރު މެމްބަރުން ވެސް ތިބީ އަމިއްލަ އަށް ޕާޓީން ވަކިވެފައި ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ ހުކުމް އައުމުގެ ކުރިން އެ ހަތަރު ބޭފުޅުން ވެސް ޕާޓީން ވަކިވާން ސިޓީ ފޮނުވުމުން އިލެކްޝަންސް ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފްތަރުން އެ ބޭފުޅުންގެ ނަން އުނިކޮށް ނުދީ ކޮމިޝަނުން ހިފެހެއްޓި ހިފެހެއްޓުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަކަށް ނުބެލެވޭނެ ކަމަށެވެ. އަދި މެމްބަރަކު ޕާޓީން ވަކިވީ ކަމަށް ބެލެވޭނީ ކޮމިޝަންގައި އޮންނަ ޕާޓީގެ ދަފްތަރުން ނަން އުނިކުރާ ހިސާބުން ކަމަށް ބުނާ އެއްވެސް ގާނޫނީ އުސޫލެއް ނެތް ކަން ވެސް އެ ހުކުމުގައި ފާހަގަކުރި އެވެ.

އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި ކުރި ސޮއި އަނބުރާ ނުނެގުމުން ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެ މައްސަލައާ ގުޅިގެން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނުނިންމޭނެ ކަމަށެވެ. ސަބަބަކީ އެ މެމްބަރުން އެ މައްސަލައިގައި ސޮއިކުރީ ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް އައުމުގެ ކުރިން ކަމަށްވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ސުލޫކީ ފިޔަވަޅެއްގެ ގޮތުން މެމްބަރަކު ޕާޓީން ވަކިކުރަން ނިންމާ ނިންމުމަކީ ފްލޯ ކޮރްސިންގެ ހުކުމުގެ ކުރިން މެމްބަރަކު ކުރި އަމަލަކާ ގުޅިފައިވާ ކަމެއް ނަމަ، އެ މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ އެވެ. ސަބަބަކީ ފްލޯ ކްރޮސިންގެ އެ ހުކުމަކީ އެ ހުކުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ހިނގާނެ ހުކުމެއް ނޫން ކަން އެ ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބަޔާން ކޮށްފައި އޮތުމުން ކަމަށް މިއަދުގެ ހުކުމުގައިވެ އެވެ.

އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަހަރެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، އެ މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ލިބޭނެ އެވެ. ގޮނޑި ނުގެއްލޭ ކަމަށް ކުރިން ހުކުމްކުރި ހަތަރު މެމްބަރުން ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައިވެރިވެފަ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ގޮނޑިއާ މެދު ގޮތެއް ނުނިމި މިހާރު ތިބީ ހަތަރު މެމްބަރެއްގެ މައްސަލާގަ އެވެ. އެ މެމްބަރުންގެ މައްސަލާގެ އަޑުުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، ހުކުމް އިއްވަން އަދި ތާވަލެއް ނުކުރެ އެވެ.