ގޮނޑިތައް ލިބުނީމަ ވެސް ޖަލްސާއަކަށް ނާދޭ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ބައެއް މެމްބަރުން، މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީމާ ވެސް އެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


އޮޑިޓް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކަނޑައަޅައި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ނިހާން ވިދާޅުވީ މާލެ އަށް ވެހެމުން ދިޔަ ވާރޭގައި ވަރަށް ދަތި ހާލުގައި މަޖިލީހަށް ވަޑައިގެން، މިއަދުގެ ޖަލްސާގެ ކޯރަމް ހަމަކޮށްދެއްވީ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން ކަމަށެވެ. އަދި މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެތޯ ނިހާން ސުވާލު ކުރެއްވި އެވެ.

މެމްބަރުކަމާ މެދު ސުވާލު އުފެދުނު މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން (ކ-ވ) ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން، މަޑުއްވަރީ ދާއިރާގެ އަމީތު، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު. --- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ހާއްސަކޮށް އެމްޑީޕީ މެމްބަރުން ކޮބައިތޯ؟ ހާއްސަކޮށް ކޮބައިތޯ ގޮނޑިތައް ލިބިވަޑައިނުގެން ރެޔާއި ދުވާލު މަގުމަތީގައި ހޭދަކުރެއްވި މެމްބަރުން؟ ގޮނޑިތައް ލިބިވަޑައިގަތީމަ، އެ ބޭފުޅުން ޗެމްބަރަށް ވަޑައިގަންނަވަން ބޭނުމެއް ނުވި،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިނުގެން ކުރައްވާ ހަމައެކަނި ކަމަކީ ސައި ކޮޓަރިން ސައި ބެއްލެވުމެވެ. އަދި އިދިކޮޅު މެމްބަރުން ޖަލްސާ އަށް ވަޑައިނުގެން "އަރިމަތީގައި ހުންނަ ލަވާޒާ މެޝިންތަކުން" ކޮފީ ބައްލަވަމުން ގެންދަވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އޮޑިޓް އޮފީސް [ބަޖެޓް] ފާސްކޮށްލަން، މި ރިޕޯޓު އަޑު އައްސަވަން، ނުވަތަ މިތަނަށް ވަޑައިގެން ކޮމެންޓެއް ކުރައްވަން، މީގައި ބައިވެރިވެވަޑައިގަންނަވަން، ޖަލްސާގެ ކޯރަމް ހަމަ ކުރައްވަން ވަޑައިނުގެން، ޗެމްބަރުން ބޭރުގައި، މަޖިލިސް ސަރަހައްދުގައި އެބައުޅުއްވާ،" ނިހާން ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވީ އެ ދުވަހުގެ އެޖެންޑާގައި ހުރި ވަކި ކަމަކަށް ވާހަކަ ދައްކަވަން، އެމްޑީޕީގެ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު، މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވާތީ ނިހާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއަދު ހެނދުނު 9:00 ގައި ފަށަން އޮތް ޖަލްސާ ފެށުނީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ޖަލްސާ ނުފެށި ލަސްވީ މާލެ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޗެމްބަރަށް ފެން ވަދެގެން ކަމަށެވެ. ޖަލްސާ ފެށި އިރު، ތިއްބެވީ 25 މެމްބަރުންނެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން (ވ) އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަޖިލީހުގައި ބަހުސް ކުރައްވަމުން ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވީ 60،000 ރައްޔިތުންގެ ހައްގު ގެއްލުނު ކަމަށް ވިދާޅުވެ، މުޒާހަރާތައް ކުރި މެމްބަރުން މިއަދު ޗެމްބަރުން ނުފެނުނު ނަމަވެސް، ސައި ކޮޓަރީގައި އެބަ ތިއްބެވި ކަމަށެވެ.

"ޖަލްސާ ފަށަން އެތަން މިތަނުން ގެނެސްގެން ކޯރަމް ހަމަކޮށްދޭން ޖެހުނީ،" އަލީ އާރިފް ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ބަސް އިއްވަން ޖެހޭ މެމްބަރުންނެވެ. އެކަމަކު، އެ އިހްލާސްތެރިކަން އިދިކޮޅު މެމްބަރުންގެ ކިބައިން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގެ ބަހުސްގައި މުޅިން ވެސް ބައިވެރިވީ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންނެވެ. އަދި އިދިކޮޅު މެމްބަރަކަށް ރިޕޯޓަށް ބަހުސް ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އެކަންޏެވެ. ޖަލްސާ ކުރި އަށް ދިޔަ އިރު، އިދިކޮޅު މެމްބަރަކު ތަޅުމުން ނުފެނެ އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން އިދިކޮޅު މެމްބަރުންނަށް ފާޑު ވިދާޅުވި އިރު، ސުޕްރީމް ކޯޓުން ވަނީ މިހާތަނަށް އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.