ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކޮށްފި

ވެރިކަންކުރާ ޕީޕީއެމް ފިޔަވައި، އެހެން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިއަދު ފައިސާ ދޫކޮށްފި އެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ސިޔާސީ ޕާޓީތަކަށް މި އަހަރު ކަނޑައެޅި 24.2 މިލިއަން ރުފިޔާގެ ތެރެއިން އިއްޔެ ޖަމާކުރީ، ބާކީ ހުރި ފައިސާ ކަމަށެވެ. މިފަހަރު، ފައިސާ ދެ ބަޔަކަށް ބަހާލައިގެން ޖަމާކުރިއިރު ފުރަތަމަ ބުރުގައި ފައިސާ ދޫކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ދެ ވަނަ ބުރުގައި ދޫކުރަން ކަނޑައެޅި ފައިސާގެ ތެރެއިން ވެސް އެންމެ ގިނަ ފައިސާ ލިބެނީ ޕީޕީއެމަށެވެ. އެއީ އަށް މިލިއަން ރުފިޔާ އެވެ. އެ ޕާޓީގެ ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދި ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން، އެ ޕާޓީގެ ފައިސާ ވަނީ ހިފަހައްޓައިފަ އެވެ.

މެމްބަރުން ތިބި ނިސްބަތަށް ބަލައި ދެ ވަނަ އަށް އެންމެ ގިނަ ފައިސާ ދޫކުރީ އެމްޑީޕީ އަށެވެ. އެ ޕާޓީ އަށް، 5.6 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް މި ބުރުގައި ދޫކޮށްފައި ވަނީ 1.9 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ހަތް ޕާޓީގެ ތެރެއިން ފައިސާ ދޫކުރީ، 10،000 އަށް ވުރެ ގިނަ އިން މެމްބަރުން ހިމެނޭ ޕާޓީތަކަށެވެ. މެމްބަރުން އެންމެ ގިނައީ، ޕީޕީއެމްގަ އެވެ. އެ ޕާޓީގައި 45،865 މެމްބަރުން ތިބިއިރު، ދެ ވަނަ އަށް އެންމެ ގިނަ މެމްބަރުން ހިމެނޭ އެމްޑީޕީގައި ތިބީ 29،756 މެމްބަރުންނެވެ.