މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް
01 ނޮވެމްބަރ 2018 - 23:34
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ އިންތިޚާބުކޮށްފި އެވެ.
އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ރައީސް ކަމުން މަސީހް އިސްތިއުފާ ދެއްވީ މިއަދު އެވެ.
މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާގައި ގާސިމަށް 62 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ. ގާސިމާ ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ. ވޯޓުލެއްވި މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ވޯޓު ވަނީ ބާތިލް ވެފަ އެވެ.
މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި މެމްބަރެކެވެ. އޭނާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 18 އަހަރުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބުވެވަޑައިގަތް ކަން ރިޔާސަތުން އިއުލާން ކުރެއްވުމާއެކު، މެމްބަރުން މެމްބަރުން އަތްތިލަބަޑި ޖައްސަވަން ފެއްޓެވި އެވެ. ހިނިތުންވެ ވަޑައިގެން އިންނެވި ގާސިމްގެ އަރިހަށް މެންބަރުން ވަޑައިގެން، އެމަނިކުފާނާއެކު ސަލާމްކުރައްވައި، ސެލްފީ ނެންގެވި އެވެ.
ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ރައީސްކަމުގެ މަސްއޫލިއްޔަތު ގާސިމް އަދާކުރައްވާ އިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކުގެ މަތިން އަމަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މޫސަ ވަނީ ގާސިމަށް މަރުހަބާ ދަންނަވައިފަ އެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހުގެ ރައީސަކަށް ގާސިމްގެ ނަން ހުށަހެޅުއްވީ އިންތިޚާބީ ރައީސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އަދި އިބޫގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފެވެ. އަލީ އާރިފްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
މަޖިލީހުގެ ރައީސް ކަމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، މަސީހާއި އިތުރު ހަތަރު މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ވޯޓާ ގުޅޭ ކަންކަން ކުރިއަށް ދިޔައީ ގަވައިދުގައިވާ ގޮތަށް، ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. ކޮމިޓީގައި ތިއްބެވީ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާނާއި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފާއި މަކުނުދޫ ދާއިރާގެ އަދާލަތި ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދޭ
04 November 2018
ޝަރުތު ހަމަނުވޭ.
ވަތުބަތާނަ
03 November 2018
މިބޭޅާ ކިހާ ހިސާބަކުންބާ ހިތްފުރޭނީ! މިބޭފުޅާގެ ކުންފުނީގައި ވަޒީފާ އަދާކުރާ ނިކަމެތި ދިވެހިމީހާގެ ޙައްގު ހޯދައި ނުދެވިގެން އުޅޭއިރު ރައްޔިތުންގެ ޙައްގުތޯ ހޯދައިދެވޭނީ، ރައްޔިތުންގެ ބޮލަށްތޯ އެރޭނީ؟ ތަމެން ބޭނުންވެގެން އުޅުކަންތައް ވެއްޖެނޫން. ދެންވެސް ދިވެހިންނަށް ދޯކާނުދީބަލަ.
މުހައްމަދު އަހްމަދު
03 November 2018
ޤާސިމަށް މަރުހަބާ! އެކަމަކު 2019ގައި އިންތިޚާބު ކުރެވޭ މަޖިލީހުގެ ރައީސްކަން ޤާސިމަށް ލިބިވަޑައި ނުގަންނަވާނެ ކަމީ އެއްވެސް ޝައްކެއްނެތްވަރަށް ޔަޤީން ކަމެއް... އެ މަޖިލީހުގެރައީސްކަން ކުރައްވާނީ އެމްޑީޕީ ބޭފުޅެއް.. އެއީ އަންނި ކަމަށްވުން ގާތީ.... ޤާސިމަށް 2019 ގައި އިންތިޚާބުކުރެވޭ މަޖިލީހުގެ ރައިސްކަން ލިބިވަޑައިގެންފިއްޔާ ހުރިހާ ޕިންކީންނާއި، ރީނދުލޭމެންނަށް ސައި ދޭނަން..
ބބބ ހހހ
02 November 2018
އަހަރަމެން ތިބޭނި ގާސިމާެއެކު އަބަދުވެސް ގާސިމް އަކީ ސާޅީސް ހާސް މީހުން ގެ ސަޕޯޓް ލިބިފަވާ ބަތަލެއް!! މަރުހަބާ ގާސިމް
ނޫވެސް
02 November 2018
ފާރިޝް ބުނީ މީ މިމަގާމަށް ހޮވަން ކަމުދާ މީހެއްނޫނޯ އެހެންވެ ވޯޓްގައި ބައިވެރިނުވީ ނުއަތުބުރެއްވެސް އަޅާފާނެތީ
އަބްދުﷲ
02 November 2018
ކަލޯ ތިއޮތީ “ރައީސް” މިލަފުޒު އަންނަ މަގާމެއް އަނެއްކާވެސް ލިބިފައި.. ބާރަށް ބައްދައިގެން ހިފެހެއްޓޭތޯބަލާ..
ޔާރު
02 November 2018
ކޮއްކޯ އެއީ ދުނިޔޭގެ ހަމަ. އާރެއް ބާރެއްނެތްދުވަހަކު ޔާރެއް އިޔާރެއް ނުހުންނާނެ! މަސްދާނީ ފެން ހުރިތަނަކަށޭ!
ގޯރުނުދޯރު
02 November 2018
ނައިބު ރައީސަކީ މޫސަ؟
ކުރުކޮށް
02 November 2018
ކޮބާ އަނިޔާވެރިކަމުގާ ހައްދު ފަހަނަޅާ ދިޔަ ޔާމީނުއާ މަގުގެއްލުފަ ތިބި އައުވާނުންނަށް ފެނޭބާ ތިމާއަށް ބާރެއް ލިބިފަ އޮތީތީ ދެރަކޮށްލުމުގެ ގޮތުން ޖަލަށް ކޮއްޕާލާ ވިޔަފާރިއަށް ދަތިކޮށް ޢާއިލާގެ މީހުން ޖަލަށްލާ ހެދީ މިއަދު ކިހިނެތްތޯ މިވީ ކަލަކު ވޮޑިގެންވާކަމާ ތިމާ މީހަކަށް އަނިޔާކުރަން ރޭވުން ތަކެއް ރާވާއިރު ގުދްރަތުގެ ރޭވުން އޮތްކަމެއް ނޭނގުނު މިއަދު ޔާމީނުގެ ބާރުކޮބައިބާ ޔާމީނުގެ އަނިޔާލިބުނު ފަރާތްތަކަށް ﷲގެ ރަޙްމަތް ލެއްވިގެން ދިޔަތަން ނުފެނޭތަ
ވެންނަވާ
02 November 2018
ހަމަ އެ މަންޒަރު ފެނުން 2013 ގަވެސް. އަންނި ސަރުކާރުގައި ގާސިމްގެ ވިޔަފާރިއަށް ދަތިކޮށް ހިންގި ބޭއިންސާފު ކަންކަމަށް އަންނި ބަލިވިތަންވެސް ފެނުނޭ. ތިހެން ފެންނަ ކަންކަން ކިތަންމެ ގިނަވިއަސް ވެރިކަމަށް އެރުނީމަ ފެންނަނީ ހަމަ އެއްކަލަ ރިޕީޓްކުރާ މަންޒަރުތައް. މިއަދު ޖަޒްބާތުގައި މީހަކަށް ބަދަލުހިފުމުގެ ރޫހުގައި ކުރަން ނިންމާ ކަންކަން އަނެއްކާ މާދަން އިދިކޮޅަށް ތަކުރާރުވާނެކަން ހަނދާނެއްނުހުރޭ ބާރުތައް ނަހަމަގޮތުގަ ބޭނުންކުރަން އަތުކުރިއޮޅާއިރު.
ޓިނޭ
02 November 2018
ދައްކަވަން ހުރި ތަނެެއް ދައްކަވާނެ!