މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން "ޖަޒީރާ ހޮޅުއަށި" ނަމުގައި ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިންމަވައިފި އެވެ.

އެމަނިކުފާނުގެ ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭގައި އޮންނާނެ އެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އެ ބައްދަލުވުމުގައި މަޝްވަރާކުރަން ހަމަޖައްސާފައިވަނީ މާލޭގެ މަގުތަކާ ގުޅޭ ގޮތުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރުން އަބަދު ވެސް ކަންކަން ކުރަނީ ރައްޔިތުންގެ އަޑުއަހައި މަޝްވަރާކޮށްގެން ކަމަށެވެ.

އެގޮތުން އާ ސަރުކާރުން ވެސް ވައުދުތަކާއި ޕޮލިސީތައް ނިންމުމުގައި ރައްޔިތުންގެ އަޑު އަހާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ އަޑުއަހާފައި އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭން އާއި އެ ހުރިހާ އެއްޗެއް އިތުރަށް ޕޮލިސީތަކުގެ ތެރެއިން ފުޅާކުރެވިގެންދާނެ،" މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ވެސް އިބޫ ވަނީ ތަފާތު އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފަ އެވެ.