ރައީސާއި ނަޝީދު އަދި މާރިޔާގެ ދަތުރުތަކެއްގެ މައްސަލަ އޭސީސީ އަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ދަތުރުތަކެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.


މި މައްސަލަތައް ހުށަހަޅާފައިވާ ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ.

އޭސީސީ އަށް ވެއްދި މައްސަލަތަކާ ގުޅޭ ގޮތުން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް މުހައްމަދު ޝަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަމިއްލަފުޅު ދަތުރުތަކުގައި، ދައުލަތުގެ މުދާ ބޭނުން ކުރައްވާފައިވާ ކަމަށެވެ. އެ ދަތުރުފުޅުތަކަށް ރިޔާސީ ލޯންޗްކޮޅު ބޭނުން ކުރެއްވުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށާއި އެގޮތަށް އެކަން ކުރެއްވުން ހުއްދަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ލޯންޗަށް ވެސް އެމްއެންޑީއެފުން ސިކިއުރިޓީ ދެއްވާނެ. އަޅުގަނޑުމެންނަށް މައްސަލައަކީ އަމިއްލަފުޅު ކެމްޕޭންތަކަށް، އަމިއްލަފުޅު ޕާޓީގެ ބޭފުޅުންގެ ކެމްޕޭންތަކަށް ދައުލަތުގެ މުދަލުގައި ކެމްޕޭން ކޮށްދެއްވުން. މިއީ ކޮރަޕްޝަންގެ އަމަލެއް،" ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ މީގެ ކުރިން ވެސް އޭސީސީ އަށް ހުށަހަޅާފައިވާނެ އެވެ.

މަޖިލީސް އިންތިޚާބާ ދިމާކޮށް، ކުރެއްވި ދަތުރުފުޅުތަކާ ގުޅޭ ގޮތުން ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެފައި ވަނީ، ކެމްޕޭން ދަތުރުތަކަށް ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ނުކުރައްވާ ކަމަށެވެ. އަދި އެ ދަތުރަށް ދައުލަތުގެ ބަޖެޓުން ހޭދަނުކުރައްވާ ކަމުގެ ޔަގީންކަން ވެސް އޮތީ ދެއްވައިފަ އެވެ.

މަޖިލީހުގެ ރައީސް ނަޝީދާ ގުޅޭ ގޮތުން ހުށަހެޅީ އެމަނިކުފާނު ދާދި ފަހުން ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަކަށް ވަޑައިގެންނެވި އިރު ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވުމެވެ. އެ ދަތުރުފުޅުގައި، މަޖިލީހުގެ މީޑިއާ ބޭނުން ކުރައްވައިގެން ނަޝީދު ކެމްޕޭން ކުރައްވާފައިވާ ކަމަށް ޕީޕިއެމުން ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ.

"އަމިއްލަފުޅު ދަތުރެއް، އެކަމަކު އެއީ ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ޓުވިޓާ އިން ޓުވީޓް ކުރައްވާފައި ވަނީ،" ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުގެ މައްސަލައަކަށް ވީ މަޖިލީހުގެ މުވައްޒަފުންނާއި ކެމެރާ އާއި އެހެން ވެސް ވަސީލަތްތައް ބޭނުން ކުރެއްވުމެވެ. އެއީ، ކޮރަޕްޝަންގެ ގާނޫނުގެ ދަށުން އެމަނިކުފާނު ކުށްވެރިވާނެ ކަމަކަށް ވާތީ މައްސަލަ އޭސީސީ އަށް ހުށަހެޅީ ކަމަށް ޝަހީދު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއާ ގުޅޭ ގޮތުން ހުށަހެޅީ، ޔޫއޭއީ އަށް ކުރެއްވި ދަތުރުގައި، އެ ގައުމުގެ އިންޓީރިއާ މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމުގައި ދަރިކަލުން ބައިވެރި ކުރެއްވުމެވެ. އެއީ، ރަސްމީ ދަތުރެއް ނޫނެވެ. އެއީ، އަމިއްލަ އަށް ޚަރަދު ކުރެއްވި ނުރަސްމީ ދަތުރެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ޕީޕީއެމުން ބުނީ އެއީ ރަސްމީ ދަތުރެއް ކަން ހާމަވަނީ ޔޫއޭއީގެ އިންޓީރިއާ މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނުން ކަމަށެވެ. އޭގައި އޮތީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރި ވާހަކަ ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމުން ބުނީ ދިފާއީ ވަޒީރެއްގެ ގޮތުގައި ހުންނަވައި ރަސްމީ ވާހަކަތަކެއް ދައްކަވާ އިރު އާއިލީ ނުވަތަ އެ ނޫން ވެސް ބޭފުޅަކު ހުންނެވުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށެވެ.

"ސިޔާސީ ބޭފުޅުން ބައްދަލުކުރައްވާ އިރު އަމަލުކުރައްވާ އުސޫލު އޮންނާނެ ރައީސް އޮފީހުގެ ވެބްސައިޓުގައި، އެ އުސޫލާ ވެސް ޚިލާފުވެވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި މި ތިން މައްސަލައިގެ އިތުރުން މި ސަރުކާރުގެ ވަޒީރުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް އެބަހުއްޓެވެ. އެ މައްސަލަތައް އޭސީސީ އަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.