އެއްވެސް ދަތުރުފުޅެއްގައި ބައިވެރިވެވަޑައިގަންނަވާނީ ދެ ކޮޅު ޓިކެޓާއި ހުންނެވުމުގެ ހަރަދު ދިނީމަ ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ރާއްޖެ އިން ފުރާވަޑައިގަންނަވާ އިރު އެ ދަތުރުފުޅާ ބެހޭ ގޮތުން މަޖިލިހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ގައުމަށް ވަޑައިގަންނަވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުގަ އާއި އެޑެކްސް ޑައިވް ފެއާއެއްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. އޭގެ ތެރެއިން ޑައިވް ފެއާއަކީ ރާއްޖެއާ ގުޅޭ ކަމެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދަތުރެއްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދީފި ނަމަ، އެދޭ ފަރާތުގެ އަރިހުގައި ދެ ކޮޅު ޓިކެޓާއި ހުރުން ހަމަޖައްސައި ދިނުމަށް އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިހުގެ ދަތުރުފަތުރުގެ ބަޖެޓު އޮތީ ވަރަށް ކުޑަކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
"މަޖިލިހުގެ ރައީސް ތަނަކަށް ގެންދަވަން ބޭނުންވެވަޑައިގަންނަވާ ނަމަ، ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖެހުނީމަ، އަޅުގަނޑަށް ތަނަކަށް ދެވޭނީ،" ނަޝީދު ވިދާޅުވި އެވެ.
"މި މައުލޫމާތު އެހެން ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގެންފައި އޮތުން ވަރަށް ބޭނުންތެރި."
ނަޝީދު ވިދާޅުވީ އިންޑިއާގައި ބާއްވަނީ އޭޝިއާގެ އެންމެ ބޮޑު ޑައިވިން ފެއާ ކަމަށެވެ. ޑައިވިން ފެއާ ބާއްވަމުން އަންނަތާ 25 އަހަރު ވެފައި ވިޔަސް މިއީ އިންޑިއާގައި އެފަދަ ފެއާއެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަށް ފަހު މަޖިލިހުގެ ދެން އޮންނަ ޖަލްސާއަކަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.