އިބޫ، ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމުގެ ކަންކަން ކުރިއަށް ދޭ: މާރިޔާ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމާ ގުޅޭ ކަންކަން ޑިޕްލޮމެޓިކް ޗެނަލްސްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކަމަށް، އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ


ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، މޯދީގެ އިތުރުން އެހެން ގައުމުތަކުގެ ބޭފުޅުން ވެސް އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާޏެ ކަމަށެވެ.

އިބޫ، ރައީސްކަމުގެ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 17 ވަަނަ ދުވަހެވެ. އެއީ، ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހެވެ.

"އިހަށް ދުވަހަކު ދެއްތޯ މި ނިންމާލެވުނީ ކޮން ދުވަހެއްގައިކަން [އިބޫ] ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހިންގާނީ. ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އަޅުގަނޑުމެން މި ދަނީ މިކަންކަން ޑިޕްލޮމެޓިކް ޗެނަލުން ޕްރޮސެސްކުރަމުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ހުވާކުރުުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް އެކަމުގައި ވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަން މާރިޔާ ވިދާޅުވި އެވެ.

މޯދީގެ ބޮޑުވަޒީރުކަމުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ވަޑައިނުގެން އޮތީ ރާއްޖެ އެކަންޏެވެ.