މިއީ ތެދުވެރި އެކުވެރިއެއް، ގާތްކަމާއި އެހީ އަށް ޝުކުރިއްޔާ: ރައީސް

ރާއްޖެ ދެމިއޮންނާނީ އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމުގެ ޔަގީން ކަން ދެއްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއާ މެދު ބަހައްޓަވާ ގާތް ގުޅުމާއި ރައްޔިތުންނަށް ވެދެއްވާ އެހީތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.


ވެރިކަމުގެ ދެ ވަނަ ދައުރަކަށް ހުވާ ކުރައްވައި މޯދީ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ރާއްޖެ އެވެ. ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުމަށް ބުރޫއަރާ ފަދަ ކަމެއް ރާއްޖެ އިން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ގުޅުމެއް. --ރައީސް

މޯދީއާ އެކު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ހުވާ ކުރައްވައި ފުރަތަމަ ގައުމަކަށް މޯދީ ރާއްޖެ ވަޑައިގަތުމަކީ ދިވެހިންނަށް ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އިންތިޚާބުގައި މޯދީ ހޯއްދެވި ފުރިހަމަ ކާމިޔާބީ އަށް ރައީސް މަރުހަބާ ވިދާޅުވި އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވި ގޮތުގައި މޯދީގެ ދަތުރުފުޅަކީ ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ. އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމާއި އޭގެ ފަހުން އިންޑިއާ އަށް ވަޑައިގަތުމަށް އެމަނިކުފާނަށް ދެއްވި ދައުވަތާއި މިހާތަނަށް ދެ ގައުމުގެ އިސް އޮފިޝަލުން ކުރެއްވި ރަސްމީ ދަތުރުފުޅުތަކުން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ގުޅުމެއް،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި އޮތް ދެ ގައުމުގެ ތާރީޚާއި އާދަކާދަ އާއި ސަގާފަތުގެ ތެރޭގައި އެއްގޮތް ކަން ގިނަ ކަންކަން ހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެ އިން އިންޑިއާ އެކު ސިޔާސީ ގުޅުން ގާއިމްކުރުމުގެ މާ ކުރިން ވެސް ދެ ގައުމުގެ ރައްޔިތުންގެ ތެރޭގައި ގާތް ގުޅުމެއް އުފެދިފައި އޮތް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ އެންމެހާ ރައްޔިތުން ޝާމިލުވާ އަދުލުވެރި ސަރުކާރެއްގެ ޒަރިއްޔާ އިން ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދީ ތަރައްގީ ގެނެސްދިނުން ކަމަށެވެ. އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އިންޑިއާ އިން ދެ އެހީތެރި ކަމުގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން ކުރާ މަސައްކަތަށް އިންޑިއާ އިން ދޭ ދީލަތި އެހީތެރިކަމަށްޓަކައި މަނިކުފާނަށް ޝުކުރު އަދާކުރަން. އަޅުގަނޑާއި ބޮޑުވަޒީރު މޯދީ އެންމެ ފަހުން ބަދަލުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ވެސް އަޅުގަނޑުމެން މަޝްވަރާކުރިން،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމީ ވާހަކަތަކުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކުގެ މައްޗަށް މަޝްވަރާކޮށްފަ އެވެ. އަދި އެކި ދާއިރާތަކުން އެހީތެރިވުމުގެ ހަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވިޔަފާރި އާއި ޓޫރިޒަމާއި މުދަލާއި މީހުން އެކުލެވޭ މުއާލާތްތައް ހިމެނޭ ގޮތުން ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ އެވެ.

އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި މޯދީ ސޮއި ކުރައްވަނީ: އެމަނިކުފާނަށް ވަނީ ނިޝާން އިއްޒަތުގެ ލަގަބް އަރުވާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން، ދެ ގޮތެއް ނުވާ ރަމްޒެއްގެ ގޮތުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ދެމިހުންނާނެ ކަމުގެ ޔަގީންކަން ވެސް ބޮޑުވަޒީރު މޯދީ އަށް އެރުވި އެވެ. އެ ހޮސްޕިޓަލްގެ ޚިދުމަތާއި އިންސާނީ ވަސީލަތް ކުރިއަރުވަން މެދުކެނޑުމެއް ނެތި އިންޑިއާ ސަރުކާރުން ވެދެމުން އަންނަ އެހީ އަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ އިން ރާއްޖެ އަށް އެއްބާރުލުން ދޭން މިއަދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރަން އިންޑިއާ އިން ދޭ އެހީތެރިކަމަށް ލިބުނު އިތުރު ކުރިއެރުމެކެވެ. މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރުކުރަން އިންޑިއާ އިން އިންވެސްޓްކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް ކަން ފާހަގަކުރެއްވި އެވެ.

އިންޑިއާ އެކު މިއަދު ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި 5،000 ސިވިލް ސާވަންޓުން ތަމްރީން ކުރަން ސޮއިކޮށްފަ އެވެ. ކަސްޓަމްސްގެ ދާއިރާ ތަރައްގީ ކުރަން އެއްބާރުން ދޭން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަސްޓަމްސްގެ އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމް ހިންގާނެ އެވެ.

ބަޖެޓަރީ ސަޕޯޓާއި ޓީބިލް އަދި ކަރެންސީ ސްވެޕާއި ލައިން އޮފް ކްރެޑިޓް ފޯރުކޮށްދޭން އިންޑިއާ އިން ވެފައިވާ އެހީތެރިކަމަށް ރަސްމީ ވާހަކަތަކުގެ ތެރޭގައި ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. މި އަހަރުގެ މާޗް މަހު ސޮއި ކުރި ލައިން އޮފް ކްރެޑިޓް އެއްބަސްވުން ތަންފީޒުކުރަން މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ދާދި އަވަހަށް ފަށައި ކުރިއަށް ގެންދިއުމަށް ދެ ގައުމުން ވެސް އަންނަނީ މަސައްކަތް ކުރަމުން. މި މަޝްރޫއުތަކުގެ ތެރޭގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި އުމްރާނީ ތަރައްގީ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އެހީތެރިވެދިނުން ހިމެނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭގެ އިތުރުން ސިއްހީ ދާއިރާ އާއި ދަނޑުވެރިކަމާއި ޓޫރިމާއި ހަކަތައިގެ ދާއިރާ އިން ވެސް ފަށާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

އިންޑިއާއާ އެކު ގުޅުން ބަދަހިކުރުމާ އެކު އަވަށްޓްރި އެހެން ގައުމުތަކާ އެކު ވެސް ގުޅުން ބަދަހިކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަށަވަރު ކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ތަރައްގީ އާއި ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ވެސް އިންޑިއާ ކަނޑުގެ ސުލްހަވެރިކަމާއި ހަމަޖެހުން ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ރައީސް ވިދާޅުވި އެވެ.