މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުލަ ގަދަ ގޮތެއްގައި ބާއްވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާ ކުރައްވާއިރު، އިންތިޚާބީ ރައީސްގެ އޮފީހުން އެކުލަވާލި ކޮމިޓީއަކާއި މަޖިލީހާ ދެމެދު މަޝްވަރާތައް ވަނީ ފަށައިފަ އެވެ.
މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ހުވާ ކުރުމުގެ ކަންކަން ކުރިއަށް ދާނީ އެ ދުވަހާ ގުޅުވައިގެން ކަމަށެވެ. އަދި ގަލޮޅު ދަނޑުގައި ރަސްމިއްޔާތު ބާއްވާތީ، ޖާގަ އޮތް މިންވަރަކުން ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވައްދަން މަސައްކަތް ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީހާވެސް ގިނަ ބަޔަކު ވަދެވޭނެ ގޮތް ހެދުމަކީ މަޖިލީހުގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އެދިވަޑައިގަތުމެވެ.
"ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ދައުވަތު ދޭން ޖެހޭ މީހުންނަށް ދައުވަތު ދީފައި ސިޔާސީ ޕާޓީތަކަށް މި ހަވާލު ކުރަނީ ދައުވަތު ކާޑުތައް. އެހެންވީމަ، ސިޔާސީ ޕާޓީތަކުން ބޭނުންވާ މީހުންނަށް ދައުވަތު ދޭންވީ،" މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ކުރައްވާ މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއްކޮށް ދެއްވި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޝަރަފްވެރިކަމުގެ ނިޝާން ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް ދައުވަތު ދެއްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭތީ އެކަން ފާހަގަކުރާނީ މަޖިލީހުގެ ބަޖެޓުގެ ތަނަވަސްކަން އޮތް މިންވަރަކުން ކަމަށެވެ. އަދި މި މުނާސަބާތު މުއައްސަސާތަކުން ފާހަގަ ކުރުމަކީ މަޖިލީހުގެ ރައީސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ރާއްޖޭގެ ފަހުގެ ތާރީޚުގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް ހުވާ ކުރައްވާފައިވަނީ ދަރުބާރުގެ އާއި ރައްޔިތުންގެ މަޖިލީހުގަ އެވެ. އެހެން ބައެއް ގައުމުތަކުގައި ރައީސުންނާއި ބޮޑުވަޒީރުން ހުވާ ކުރައްވާނީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް، ބޮޑު ހުސް ބިމެއްގަ އެވެ.