ކުރީގެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.


އައްޑު އަށް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އައްޑޫ ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލީ އިންސާފުން ނޫން ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ބޭއިންސާފުން އަނިޔާ ލިބެން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުން ދޫކޮށްލުމަށް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ ފޯނު ދޭން އިންކާރު ކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާ ކޮށްފައި --ފޮޓޯ/މިހާރު

"ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އޮތީ ނުހައްގުން ހިންގުނު ޝަރީއަތަކާއި ބޭއިންސާފުން ކުރެވުނު ތުހުމަތެއްގައި ޖަލުގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ކުރީގެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލައި، އެބޭފުޅުންގެ އާއިލާތަކާއެކު އުޅެވޭނެ ގޮތް މި ސަރުކާރުން ހަދައިދޭން ޖެހެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން ނަޝީދު ގޮވާލެއްވި އިރު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދެ ބޭފުޅުން މިނިވަން ކުރައްވަން ވައުދުވެވަޑައިގެންފަ އެވެ. ދެ ބޭފުޅުންނަކީ ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް މިނިވަން ނުވެ ތިބި ދެ ބޭފުޅުންނެވެ.

އެ އަމުރަށް ފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އަލީ ހަމީދުގެ މައްޗަށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލާގައި ކުރި ދައުވާ ވަނީ ސާބިތުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވި އަބްދުﷲ ސައީދުގެ މައްޗަށް ވެސް މި ދެ ދައުވާ އާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ 1 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައިސްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވަނީ ފެބްރުއަރީ 1 ގައި އަމުރު ނެރުނީ ސީދާ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ކަމަށެވެ. ފަސް ފަނޑިޔާރުން އިއްތިފާގުވެފައިވީ ނަމަވެސް އެއީ އިދިކޮޅު ޕާޓީތަކުން ރިޝްވަތު ހުށަހަޅައިގެން އެ ދެ ފަނޑިޔާރުން ނެރުއްވި ހުކުމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.