ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރު ކޮށްދޭނަން: އިބޫ

އަންނަ ހޮނިހިރުދުވަހު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެން، އެންމެ އިސް ވާޖިބެއް ކަމުގައި ދެކޭނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރު ކުރުން ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރުމުގެ ތަހުނިޔާ އާއި ހެޔޮއެދުން ރައްޔިތުންނަށް ފޮނުއްވައި ނެރުއްވި ބަޔާނުގައި، އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގަތް ވައުދު ތަކުރާރު ކުރައްވައި އިބޫ ވިދާޅުވީ ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. މަގާމްތަކަށް އިންތިޚާބުވުމަކީ ރައްޔިތުން ހަވާލުކުރި ޒިންމާއެއް ކަމާއި އެއީ ޝަރަފެއް ނޫން ކަން އަބަދުވެސް ހަނދުމަ ކުރެއްވުމާއި ހަނދާން ކޮށްދެއްވުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމުގައި ހައްދަވާނެ ކަމަށެވެ.

ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން އުފައްދާ، ރައްޔިތުންގެ ވެރިކަމެއް ކަން ފާހަގަކުރައްވައި، މި ވެރިކަމުގައި ރައްޔިތުންގެ ކަންކަން ހިންގަން ވާނީ މަޝްވަރާގެ ރީތި އުސޫލުން ކަމަށް އިބޫ ވިދާޅުވި އެވެ.

"މި ނިޒާމުގައި ވެރިންނަކީ ރައްޔިތުންގެ ޚާދިމުންނެވެ. އެ މީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައްޔިތުންނަށް ޖަވާބުދާރީ ވުމެވެ. އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެ ނޫން މަގަކަށް ގައުމުގެ ހުންގާނު އަނބުރާލުމަކީ ވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ހައްގެކެވެ،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިންގެ ގޮތުގައި އިސްކުރެވޭ ޚާދިމުން، ރައްޔިތުންގެ ނިންމުމާ ރުހި ކިޔަމަންވުންކަމީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާ އެވެ.

"އަޅުގަނޑު ދެކޭ ގޮތުން ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ވާނީ އެ ތަނެއްގައި އަދުލު އިންސާފު ގާއިމު ކޮށްދިނުމެވެ. ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަކަށް ބަދަލުވުމަށްފަހު ވޭތުވެ ދިޔަ 10 ދައުރުގައި މިކަން ކުރެވިފައި ވަނީ ކިހާ މިންވަރަކަށް ކަމާއި، އެ ދައުރުތަކުގައި ވެރިން ކުރެއްވި މަސައްކަތަކުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިވަޑައިގެންފައި ވަނީ ކިހާ މިންވަރަކަށް ކަން ނިންމަވާނީ ދިވެހި ރައްޔިތުންނެވެ،" އިބޫ ވިދާޅުވި އެވެ.

އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް، ސަޕޯޓަރުންނާ އެކު އުފާފާޅު ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ

ތާރީޚީ ގޮތުން ޖުމްހޫރީ ވެރިކަމަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ޖުމްހޫރިއްޔަތަކީ ދިވެހިރައްޔިތުންގެ ގުރުބާނީތަކާއި ގައުމަށް ހުރި ލޯބި ރަމްޒުކޮށްދޭ ހަނދާންތަކެއް ކަމަށެވެ.

އެ ހާދިސާގެ ހަނދާންތައް އާކޮށްދެއްވައި އިބޫ، ވިދާޅުވެދެއްވާފައިވާ ގޮތުގައި، މީލާދީން 1943 ވަނަ އަހަރު، އޭރު ހުންނެވި ރަދުން އައްސުލްތާނު ހަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުހައްމަދު ފަރީދާ، ދެ ބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން އޭރު ފަޅުވެފައި ހުރި ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް، އެޕްރީލް، 11، 1943 ގައި ދިވެހި ރައްޔިތުން ދެން އިސް ކުރެއްވީ ސުމުއްވުލް އަމީރު އަބުދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ނަމަވެސް އެދުވަސްރު އެ ކިލެގެފާނު ދިރިއުޅުއްވީ ރާއްޖެ އިން ބޭރުގައި ކަމަށް ވުމާއި އެ ނޫން ވެސް ސަަބަބުތަކާ ހެދި ތަޚުތަށް އިސްވެވަޑައި ނުގެން ދުވަސްތައް ދިގުލައިގެން ދިއަ އެވެ. އެއާއެކު ރާއްޖޭގެ ވެރިކަން ހަމަޖައްސާނޭ ގޮތަކާ މެދު ބަހުސްތައް ކުރެވި، ގިނަ ބައްދަލުވުން ތަކަކަށް ފަހު ނުކުތް ނަތީޖާ އަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިކަމުގައި، އަމީން ހުންނެވުމަށް ދިވެހިރައްޔިތުންގެ އަޣުލަބިއްޔަތުން ރުހުން ކަން ފާހަގަކުރައްވާފައިވެ އެވެ.

ދިވެހި ދައުލަތުގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްވެގެން ދިޔައީ، ޖެނުއަރީ، 1، 1953، ގައި މުހައްމަދު އަމީން ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރެއްވުމުންނެވެ. ހަތް މަހަށް ދެމިއޮތް، އެ ވެރިކަން ނިމި އަނެއްކާވެސް ރާއްޖޭގެ ވެރިކަން ބަދަލުވީ ރަސްކަމަކަށެވެ.

އެ ފަހަރު ރަސްކަމަށް އިސް ކުރެވުނު އައްސުލްތާނު މުހައްމަދު ފަރީދުލް އައްވަލުގެ ރަސްކަން ނިމުނީ ނޮވެމްބަރު 11، 1968 ގައި، ދެ ވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމްވެ، ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުން ކަން ވެސް އިބޫ ފާހަގަކުރައްވާފައިވެ އެވެ.

ދިވެހިން މިއަދު މި ފާހަގަކުރަނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވި އެ އިބުރަތްތެރި، ހިކުމަތްތެރި މަސައްކަތްތަކުގެ ހަނދާންތަކެވެ.