އާސަންދައިގެ ހަރަދުތައް އިންތިހާ އަށް ބޮޑުވުމާ ގުޅިގެން، ހޭދަތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި އިންޒާރު ދީފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައި ބުނެފައި ވަނީ 40 ޕަސެންޓް ކޭސްތަކަށް ހިދުމަތް ދެވެނީ މާލެ ހޮސްޕިޓަލްތަކުން ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ވުރެ މާލޭ ހޮސްޕިޓަލްތަކުގެ އަގު ބޮޑު ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ އާސަންދަ އިން ދެވޭ ހިދުމަތްތައް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރުމާއި، ޓްރީޓްމަންޓް ގައިޑްލައިނެއް ނުވަތަ ބަލި މީހުންނަށް ދެވޭ ފަރުވާ ރިކޯޑު ކުރެވޭނެ ފަދަ ސިސްޓަމެއް ނެތުމުން، ދެވޭ ހިދުމަތްތައް ޑުޕްލިކޭޓް ވުން ފަދަ ކަންކަން މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެގޮތުން އެފަދަ ކަންކަން އިސްލާހު ކުރުމަށް އަންނަ އަހަރު ސްޓޭންޑާޑް ޓްރީޓްމަންޓް ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ބަޖެޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އެގޮތުން އިން ޕޭޝަންޓުންނާއި އައުޓް ޕޭޝަންޓުންނަށް ބަލާއިރު، ކޮންމެ 1،000 މީހެއްގެ ތެރެއިން 143 މީހުން އެޑްމިޓްކޮށް، އެވަރެޖްކޮށް އަހަރަކު 5.6 ފަހަރު ހޮސްޕިޓަލުގެ ހިދުމަތް ހޯދާފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.
އަދި އެހެން ގައުމުތަކުގައި ވިއްކާ ބޭހުގެ އަގަށް ބަލާއިރު، ރާއްޖޭގައި ވިއްކާ ބޭހުގެ އަގު 15 ޕަސެންޓާ 75 ޕަސެންޓާ ދެމެދު އަދަދަކަށް ބޮޑުކަމަށް ބުނެފައި ވެއެވެ. އެގޮތުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް އިންޓަނޭޝަނަލް ހޯލްސޭލް ކުރާ ފަރާތްތަކާ ގުޅިގެން ބަލްކުކޮށް ގަތުމާއި، ޖެނެރިކް ބޭސް ޕްރޮމޯޓް ކުރުމާއި، ކޯ ޕޭމަންޓް ނަގަން އިސްލާހުތައް އަންނަ އަހަރު ފަށާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.
އެފަދަ އިސްލާހުތަކެއް އަންނަ އަހަރު ނުގެނެސްފި ނަމަ އާސަންދަ ހިމެނޭ ގޮތުން ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ ހޭދައިގެ ކޮންޓްރޯލް ގެއްލި ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ރާއްޖޭގެ ޒުވާން އާބާދީ މިހާރު ބޮޑު ނަމަވެސް، މުސްކުޅިން ގިނަ އާބާދީ އަކާ ދިމާލަށް ދަތުރު ކުރާއިރު ސިއްހީ ހިދުމަތްތަކުގެ ހަރަދު އިތުރުވެގެން ދާނެ ކަމަށް ބަޖެޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އެހެން ކަމުން މިހާރު މި ކަންތައްތަކަށް ތައްޔާރުވެ، ފިޔަވަޅު އަޅައިފި ނަމަ ސިއްހީ ގޮތުން ހޯދަމުންދާ ކުރިއެރުން ދަމަހައްޓައި، ދައުލަތުގެ ހަރަދަށް ބުރަ ބޮޑު ނުވާނެ މިންގަނޑެއްގައި ދެމެހެއްޓިދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.