ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށަހަޅައިފި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް މި ސަރުކާރުން ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލް ކުރަން، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ހުށަހަޅުއްވައިފި އެވެ.


ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އަށް ބޮޗޭ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހި ރާއްޖޭން އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެެވެ.

އަދި ރާއްޖޭން އެއްވެސް ސަރަހައްދެއް ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެވޭނީ ދިގުވެގެން 99 އަހަރުގެ މުއްދަތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ބިން ނުވިއްކޭ ގޮތަށް ގާނޫނުއަސާސީގައި އޮއްވައި، އެކަން ބަދަލުކޮށް އިސްލާހު ކުރީ ވެސް 2015 ގައި ޕީޕީއެމުންނެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅި އެ އިސްލާހު ފާސްކޮށްފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށެެވެ.

މިހާރު އެ މާއްދާގައި ބުނެފައި ވަނީ ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ ކަމަށެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން، އޭރު ނިހާން ވިދާޅުވެފައި ވަނީ އެއިން ހުޅުވާލާފައިވަނީ ވަރަށް ކުޑަ ފުރުސަތެއް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތައް ވެސް ތަރައްގީ ވެގެން ގޮސްފައި ވަނީ މި އުސޫލުން ބިން މިލްކު ކުރެވޭ ގޮތަށް އެ ގައުމުތަކުގައި ވެސް އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ބައެއް މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން އެ އިސްލާހު ގެނައުމަށް ފާސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުންތައް ސަރުކާރާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ވެސް އަމާޒުވި އެވެ. އޭރު އަޑުތައް އަރާފައި ވަނީ ފ. އަތޮޅުގެ ބައެއް ސައުދީ ސަރުކާރުގެ އިސް ބަޔަކަށް ވިއްކާލަން ކަމަށް އޭރު ތުހުމަތު ކުރި އެވެ.