ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިންކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ދޫކޮށްލީ ތަހުގީގަށް ބޭނުންވާ ކަންކަން ސާފުކުރުމަށް ފަހު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓު ސަރަަހައްދުގައި ހުންނަވަނިކޮށް ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސްމިތު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ހަތް ދުވަސް ވަންދެން ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މުއްދަތު އިތުރު ކޮށްދީފަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ސްމިތު ދޫކޮށްލީ ތަހުގީގަށް ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށްފަހު، ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބެއް ނެތިގެން ކަމަށެވެ. އެހެންވެ ހަވީރު 5:47 ހާއިރު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

ސްމިތު ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރުކުރުމުން ސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި ވަނިކޮށެވެ. އަދި އޭނާ ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އޮފީސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފައި ވަނިކޮންނެވެ.