ގިނަ ކޮމިޓީތައް ސަރުކާރަށް، ބައެއް ކޮމިޓީތައް އިދިކޮޅަށް!

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ 13 ކޮމިޓީ އަލުން އެކުލަވައިލި އިރު، ވެރިކަން ކުރާ ކޯލިޝަނަށް، ގިނަ ކޮމިޓީތަކުގެ އަޣުލަބިއްޔަތު ލިބި، އިދިކޮޅު މެމްބަރުންނަށް ވެސް ބައެއް ބޮޑެތި ކޮމިޓީތަކުގެ އަޣުލަބިއްޔަތު ލިބިއްޖެ އެވެ.


މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހުނީ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ މެމްބަރުން ކޮމިޓީގައި ހިމަނަން ޖެހޭތީ އެވެ.

ވެރިކަން ކުރާ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުނު ކޮމިޓީތައް

- މާލިއްޔަތު ކޮމިޓީ

- ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)

- މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

- ޕެޓިޝަން ކޮމިޓީ

- އިމްތިޔާޒް ކޮމިޓީ

- ގަވައިދު ކޮމިޓީ

- އިޖުތިމާއީ ކޮމިޓީ

ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަނަށް ލިބުނު ކޮމިޓީތައް

- އިގްތިސާދީ ކޮމިޓީ

- ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ

- ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

- އާންމު ކޮމިޓީ

-ގައުމީ ތަރައްގީ ކޮމިޓީ

ސުލޫކީ ކޮމިޓީގެ މައުލޫމާތު މަޖިލީހުގެ އިދާރާ އިން އަދި ހާމަ ނުކުރާ އިރު، ބެލެވޭ ގޮތުގައި އެ ކޮމިޓީގެ އަޣުލަބިއްޔަތު ވެސް ލިބުން ގާތީ ސަރުކާރުގެ މެމްބަރުންނަށެވެ.

ވެރިކަން ކުރާ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުނު ބޮޑެތި ބައެއް ކޮމިޓީތަކުގެ ތެރޭގައި މާލިއްޔަތު ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ހިމެނެ އެވެ. އިދިކޮޅު ޕީޕީއެމާއި އެމްޑީއޭ އަށް އަޣުލަބިއްޔަތު ލިބުނު ބޮޑެތި ކޮމިޓީތަކަކީ އިގްތިސާދީ ކޮމިޓީ، ގައުމީ ސަލާމަތުގެ ކޮމިޓީ އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ޕީޕީއެމާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަޝްވަރާއެއްގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޕީޕީއެމް ކޯލިޝަންގެ އަތުން މި ކޮމިޓީތައް މި ގެއްލުނީ ގާތްގަނޑަކަށް ފަސް އަހަރު ވާން ކައިރިވެފައި އޮއްވަ އެވެ. މީގެ ކުރިން، މަޖިލީހުގައި ހިމެނޭ ހުރިހާ ކޮމިޓީއެއްގެ މެޖޯރިޓީ އޮތީ ވެރިކަން ކުރި ޕީޕީއެމަށެވެ.

މަޖިލީހުގެ ކޮމިޓީތައް ބެހިފައި އޮތް ގޮތަށް ބަލާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މާލިއްޔަތު ކޮމިޓީގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރުންނާއި އެމްޑީއޭގެ މެމްބަރަކާއި ވެރިކަން ކުރާ ކޯލިޝަންގެ ހަތް މެމްބަރުންނެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރަކާއި އެމްޑީއޭގެ މެމްބަރަކާއި ވެރިކަން ކުރާ ކޯލިޝަންގެ ހަތް މެމްބަރުންނެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ހަތަރު މެމްބަރަކާއި އެމްޑީއޭގެ މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރާ ހަ މެމްބަރުންނެވެ.

އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތް އިގްތިސާދީ ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރަކާއި އެމްޑީއޭގެ މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރައްވާ ފަސް މެމްބަރުންނެވެ. ގައުމީ ސަލާމަތުގެ ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރަކާއި އެމްޑީއޭގެ މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރާ ފަސް މެމްބަރެކެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ތިއްބެވީ ޕީޕީއެމްގެ ފަސް މެމްބަރަކާއި އެމްޑީއޭގެ މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރާ ފަސް މެމްބަރެކެވެ.

ކޮމިޓީތަކަށް އަލަށް ގެނައި ބަދަލާއެކު، އާންމު ކޮމިޓީ އާއި ގައުމީ ތަރައްގީ ކޮމިޓީގެ މެޖޯރިޓީ ލިބެނީ އިދިކޮޅަށެވެ. އެ ގޮތުން އާންމު ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރުންނާއި އެމްޑީއޭގެ މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރާ ފަސް މެމްބަރެކެވެ. ގައުމީ ތަރައްގީ ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރަކާއި އެމްޑީއޭގެ މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރާ ފަސް މެމްބަރެކެވެ.

މަޖިލީހުގެ ރައީސް ގާސިމް، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ޕީޕީއެމްގެ މެމްބަރުންނާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ނަމަވެސް، ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި ގަވައިދު ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީގައި ގިނައިން ތިއްބެވީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

އެގޮތުން ޕެޓިޝަން ކޮމިޓީގައި ވެރިކަން ކުރާ ކޯލިޝަންގެ ހަތް މެމްބަރަކާއި ޕީޕީއެމްގެ ތިން މެމްބަރުން ތިއްބަވާ އިރު، އިމްތިޔާޒް ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ހަތަރު މެމްބަރުންނާއި ސަރުކާރަށް ތާއީދު ކުރައްވާ ހަތް މެމްބަރުންނެވެ. އަދި ގަވައިދު ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ހަތަރު މެމްބަރަކާއި އެމްޑީއޭގެ އެއް މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރައްވާ ހަ މެމްބަރުންނެވެ. އިޖުތިމާއީ ކޮމިޓީގައި ތިއްބަވަނީ ޕީޕީއެމްގެ ފަސް މެމްބަރަކާއި ސަރުކާރަށް ތާއީދު ކުރައްވާ ހަ މެމްބަރުންނެވެ.

އައު ސަރުކާރުގެ އެކި މަގާމުތަކަށް މަޖިލީހުގެ ހަ މެމްބަރަކު އައްޔަން ކުރުމުން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 79 އަށް ތިރިވެފައިވާ އިރު، ވެރިކަން ކުރާ ކޯލިޝަންގައި މިހާރު ހިމެނޭ މެމްބަރުންގެ އަދަދަކީ 42 އެވެ. އެއީ މަޖިލީހުގެ މިހާރުގެ ފުރިހަމަ އަޣުލަބިއްޔަތަށް ވުރެ ތިން މެމްބަރުން ގިނަ އަދަދެކެވެ.

އެއީ ޕީޕީއެމް މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެ މެމްބަރުން ހިމަނައިގެންނެވެ.

އިދިކޮޅު ޕީޕީއެމްގައި 32 މެމްބަރުން ތިއްބެވި އިރު، އެމްޑީއޭގައި ފަސް މެމްބަރުން އެބަތިއްބެވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ވެރިކަން ކުރާ ކޯލިޝަނަށް ލިބުނަސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިވަންކަމާ އެކު ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ކުރިން ވަނީ ވިދާޅުވެފަ އެވެ.