ވަޒީރުންނަށް ރުހުން ދިނުމަށް މާދަމާ ކޮމިޓީއަށް ފޮނުވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.


މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރި އެޖެންޑާގައިވާ ގޮތުން މި މަހުގެ 17 ވަނަ ދުވަހު ކެބިނެޓަށް އައްޔަން ކުރެއްވި 19 މިނިސްޓަރާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ދާއިމީ ކޮމިޓީއަށް ފޮނުވަން ވަނީ ތާވަލްކޮށްފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދާއިމީ ކޮމިޓީއަކަށް ފޮނުވާއިރު، އެ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާނެ އެވެ. އަދި ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން، ވަޒީރުންނަށް ރުހުން ދޭން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ވެސް ވަކިވަކިން ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފަ އެވެ.

ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ. މިއީ ދިވެހި ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނައިން އަންހެން ބޭފުޅުން ހިމެނޭ ފަހަރު ވެސް މެ އެވެ. ނަމަވެސް، ކެބިނެޓްގެ ބައެއް ބޭފުޅުންނަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މީގެއިތުރުން މާދަމާގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިއުން އިއްވުމާއި މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވަން އެޖެންޑާކޮށްފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފް، އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.