މެލޭޝިއާގައި އޮތް ދިވެހި ބޯޓެއް ހައިޖެކްކުރި، ސަފީރުގެ އެހީތެރިކަމެއް ނުލިބުނު: ނާޒިމް

މެލޭޝިއާގައި އޮތް ދިވެހި ކުންފުންޏެއްގެ ކަނޑު ބޯޓެއް މިދިޔަ މަހު ހައިޖެކްކޮށް އިންޒާރު ދިން ކަމަށް ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދު މިއަދު ވިދާޅުވެއްޖެ އެވެ. އެހެން ނަމަވެސް އެއީ ކޮން ބަޔަކު، ކީއްވެގެން ކުރި ކަމެއް ކަމެއް، އަދި އެއީ ކޮން ކުންފުންޏެއްގެ ބޯޓެއް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދިވެހި ކުންފުނީގެ ބޯޓު ހައިޖެކް ކުރުމާ ގުޅިގެން އެ ވާހަކަތައް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް އެންގި ކަމަށެވެ. ނަމަވެސް ހައި ކޮމިޝަނުން އެ ބޯޓު ސަލާމަތްކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވަނީ މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފަހުމީ ހަސަނަށް ފާޑު ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.

"މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މެރިން ޕޮލިހަށާއި ހައި ކޮމިޝަނަށް ވަގުތުން ދިން. އެއާއެކު ފުލުހުން އެކަމަށް ވަގުތުން އެޓެންޑްވި. ނަމަވެސް މަސް ދުވަސްވެގެން ދިޔައިއިރު، ހައި ކޮމިޝަނަރުގެ ފަރާތުން އެއްޗެކޭ ނުބުނި،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ބޯޓު ހައިޖެކް ކުރި މީހުން ބޯޓު ފައްތާލައި، އޭގައި ތިބި މީހުން މަރާލާނެ ކަމުގެ އިންޒާރު ދިނެވެ. ފުލުހަށް މައްސަލަ ހުށަހެޅިތާ ފަސް މިނެޓު ތެރޭގައި، ބޯޓަށް ވަމުން ދިޔަ ގޮތް ވަރަށް ގާތުން ބަލަމުން ގޮސް ބޯޓާއި ބޯޓުގައި ތިބި މީހުން ސަލާމަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުޑަކުޑަ ވާހަކައެއް ނޫން. ފަސް މިނެޓް ތެރޭގައި އެކަމަށް (ފުލުހުން) އެޓެންޑްވެ، ވަގުތުން ބޯޓު ޓްރެކް ކުރަމުން ދިޔައީ. އަދި ބޯޓު އޯނަރަށް ގުޅުއްވާފައި ބުނީ މިކަން ބަލާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ތަމްސީލް ކުރައްވާ ވަޒީރުންނާއި ސަފީރުން އައްޔަން ކުރަނީ ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށް ރައްޔިތުންގެ އެންމެހާ ކަންތައްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބައެއް ކަންތައްތަކުގައި ސަފީރުންނާއި ވަޒީރުން ވެސް އިހުމާލުވަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ސަފީރުން އައްޔަން ކުރަނީ ދިވެހިންނަށް ހިދުމަތް ކުރުމަށްޓަކައި. އެކަން ނުދަންނަ ސަފީރުންނާ ވަޒީރުން އިސްތިއުފާ ދެއްވުމަށް ގޮވާލަން،" ނާޒިމް ވިދާޅުވި އެވެ.

ބައެއް ކުދިކުދި ކަންކަމުގައި ދިވެހިން ހައި ކޮމިޝަނަށް ދާއިރު ވެސް، ހިދުމަތް ދިނުމުގައި ނާގާބިލް ކޮމިޝަންތައް އެބަހުރި ކަމަށް ވެސް ނާޒިމް މިއަދު ވިދާޅުވި އެވެ.