ތުއްތު ކުއްޖާ އޮތީ ދައުލަތުގެ ބެލުމުގެ ދަށުގައި: ޖެންޑާ

ގދ. ވާދޫގައި، ނަހަލާލަށް ބަލިވެ އިން އަންހެނަކު އެކަނި ވިހެއުމަށް ފަހު، ބާލިދީއަކަށް ލާފައި އޮއްވައި ހޯމަ ދުވަހުގެ ރޭ ފެނުނު ތުއްތު އަންހެން ކުއްޖާ މި ވަގުތު އޮތީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އިބްރާހިމް މުހައްމަދު، "މިހާރު" އަށް ވިދާޅުވީ އެ ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެ ކުއްޖާގެ ކަންކަން ބަލަހައްޓަމުން އަންނަނީ ޖެންޑާ އިން ކަމަށެވެ.

"ޖިނާއީ ތަހުގީގެއް އެބަ ކުރިއަށް ދޭ. ރިއާޔަތް ކުރަން ޖެހޭ ކަންކަން އެބަހުރި. އެ އަށް ފަހު އަޅުގަނޑުމެން ގޮތެއް [އާއިލާއާ ކުއްޖާ ހަވާލުކުރާނީތޯ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނީތޯ] ނިންމާނީ،" އިބްރާހިމް ވިދާޅުވި އެވެ.

އަންހެން މީހާ އާއި އޭނާ ވިހެއި ތުއްތު ދަރިފުޅު މިހާރު ވެސް އޮތީ ގދ. ތިނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ހޮސްޕިޓަލުން ދޫކޮށްލާނީ މާދަމާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ތުއްތު ކުއްޖާ ބާލިދީއަކަށް ލާފައި އޮއްވައި ފެނުމުން އެ ކުއްޖާގެ މަންމަ މަސައްކަތް ކުރީ ކުއްޖާ މަރާލަން ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރު ކޮށެއް ނުދެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަކަން ފިޔަވައި އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އެ އަންހެން މީހާ ކުރިން ކުރި ކައިވެންޏަކަށް 10 އަހަރުން ދަށުގެ ތިން ކުދިން ލިބިފައި އެބަ ތިއްބެވެ

މި ފަހަރު އޭނާ ވިހާފައިވަނީ ބަލިވެއިންކަން ސިއްރުކޮށްގެން އުޅެނިކޮށެވެ. ވިހެއީ ވެސް އެކަނި ފާހާނާ ތެރޭގަ އެވެ. އެކަން އެނގުނީ އޭނާގެ ދަރިއެއް މެދުވެރިކޮށް އަވައްޓެރިއަކަށް ގޮވައި އެހީއަކަށް އެދުމުންނެވެ.