ސްނައިޕަރު ގެނައި މައްސަލައިގެ ދައުވާއަށް އަދީބު އިންކާރުކޮށްފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށްޓަކައި، ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖެހުމުގެ ގާބިލްކަން (ސްނައިޕާ ޝޫޓަރު) ލިބިފައިވާ ސްރީ ލަންކާގެ މީހަކު ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.


އެކި މައްސަލަތަކުގައި 33 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބުގެ މައްޗަށް އެ ދައުވާކުރަނީ މިދިޔަ އޮކްޓޫބަރު މަހު ރައީސް ޔާމީންގެ ހަށިކޮޅަށް ބަޑި ޖަހައިގެން އެމަނިކުފާނު އަވަހާރަކޮށްލަން ރާވައި، އެކަމުގެ ތަމްރީން ލިބިފައިވާ ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑިޝަންކަރު ރާއްޖެ ގެނައި މައްސަލައިގަ އެވެ.

އެ މައްސަލާގައި މަޑިޝަންކަރާއި އިތުރު ދެ މީހަކަށް ވެސް ދައުވާ ކުރެއެވެ.

މީގެކުރިން ވެސް އެ މައްސަލާގެ ޝަރީއަތެއް ބޭއްވިއިރު މިއަދުގެ ޝަރީއަތުގައި އަދީބު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ކުރިން ވަކީީލަކު ހަމަޖައްސަން ދިން ފުރުސަތުގައި ވަކީލަކު ހަމަނުޖެހޭތީ އިތުރު ފުރުސަތެއް ދޭން އަދީބު އެދުމުން އެ ފުރުސަތު ވަނީ ދީފަ އެވެ.

އަދީބާ އެކު ދައުވާލިބޭ މ. ލިލީޕާކް ފަޒީލް ހަމީދާއި ގ. އޮއިވާލި އިސްހާގު ހުސައިން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ ދެ މީހުންގެ ވަކީލުން އެދުނީ ޖަވާބުދާރީވުމަށް މައްސަލައިގެ ލިޔުންތައް ދިނުމަށެވެ.

ކުރިން ވެސް ވަކީލަކަށް އެދިފައިވާ މަޑިޝަންކަރު ދައުވާއާ ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެ، އޭނާ މިއަދު ވެސް ބުނީ ކުރިއަށް ދާނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ އެ ފުރުސަތު ވަނީ އޭނާއަށް ދީފަ އެވެ.

ދައުވާލިބޭ އިސްހާގާއި ފަޒީލް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރު ކުރުމުގެ ކުރިން ވެސް އިސްހާގު ހުރީ އެހެން މައްސަލައެއްގައި ބަންދުގަ އެވެ. އަދި މޮނިކޮން އަމުރެއްގެ ދަށުން ފަޒީލް އުޅޭ ނުޅޭ ގޮތް ފުލުހުން ދިޔައީ ބަލަމުންނެވެ.

ދައުވާލިބޭ މަޑިޝަންކަރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

ދައުވާގައިވާ ގޮތުން އެކަން ރޭވީ އަދީބާއި ފަޒީލާއި އިތުރު ބައެކެވެ. މަޑިޝަންކަރުގެ ދައުރަކީ އެކަމަށް އެއްބަސްވެ، ރާއްޖެ އައުމެވެ. އަދި އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އަދީބުގެ އެންގުމަށް ބަޔަކާ ހަވާލު ކުރުން ކަމަށް ދައުވާގައިވެ އެވެ.

ބަޑި ޖަހައިގެން ރައީސް އަވަހާރަކޮށްލަން އުޅުމުގެ ދައުވާ އަދީބަށް އުފުލާފައިވާއިރު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުށް ސާބިތު، އަދީބަށް ކުރިން ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ. އެ މައްސަލާގައި އިތުރު ދެ މައްސަލައެއްގައި ދިގު ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.