ތުހުމަތުކުރާ މައްސަލަ ބަލައިދިނުމަށް ސްޓޭޓް މިނިސްޓަރު އަފްޒަލް އޭސީސީއަށް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އަހުމަދު އަފްޒަލް އިބްރާހީމަށް އެމްޑީޕީގެ އެކްޓްވިސްޓުން ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި މިދިޔަ ބުދަ ދުވަހު ސްޓޭޓް މިނިސްޓަރުކަމަށް އަފްޒަލް އައްޔަން ކުރައްވާފައިވާއިރު، އެމްޑީޕީގެ ބައެއް އެކްޓްވިސްޓުން ވަނީ ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި އޭނާ މިދިޔަ ސަރުކާރުގެ ދުވަސްވަރު ހުންނެވިއިރު 1.5 މިލިއަން ރުފިޔާގެ ހިޔާނާތެއް ވެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެއީ ޔުނިސެފްގެ އެހީގައި ޗައިޑް ހެލްޕްލައިން ކޯލްސެންޓަރުު (1412) ގާއިމް ކުރުމުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތު ކުރެ އެވެ.

މި ތުހުމަތާ ގުޅިގެން، އަފްޒަލް އޭސީސީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާގެ އަބުރު ގެއްލުވައިލުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެހެންވެ، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، އޭނާއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ބަލައި ގޮތެއް ނިންމައި ދިނުމަށް އަފްޒަލް ވަނީ އެދިވަޑައިގެންފަ އެވެ.

މައުމޫނަށް ތާއީދުކުރާ މީހުން އިސްވެ އުފައްދާފައިވާ އެމްއާރްއެމުން ބުނީ އެ ތުހުމަތު ސާބިތުވެއްޖެ ނަމަ ސްޓޭޓް މިނިސްޓަރުކަމުން އަފްޒަލް އިސްތިއުފާ ދެއްވުމަށް އެދޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރަން އައި ސަރުކާރެއް ކަމަށް ބުނާތީ ހުރިހާ ވަޒީރުންނާއި ދައުލަތުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ބެލުމަށް ވަނީ ނިންމައިފަ އެވެ.