އަމީރު އަހުމަދު މަގު ހަފުތާއެއްގެ ތެރޭގައި އަލުން ހުޅުވައިލަނީ

އިސްލާމީ މަރުކަޒުގެ ކައިރިން މިހާރު ބަންދުކޮށްފައި އޮތް، އަމީރު އަހުމަދު މަގުގެ ސަރަހައްދު، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އާންމު ދަތުރުފަތުރުތަކަށް ހުޅުވައިލާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ރޭ ބުނެފި އެވެ.


އެ އޮތޯރިޓީން މިހާރު އަންނަނީ އަމީރު އަހުމަދު މަގުން، އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބުލްތައް ނެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ އެ މަގުގެ މަސައްކަތްތައް ނިންމައި، ވީ އެންމެ އަވަހަކަށް ހަފުތާއެއްގެ ތެރޭގައި ހުޅުވައިލާނެ ކަމަށެވެ. ނަމަވެސް މާބުލް ޖަހައި ބަންދުކޮށްފައިވާ މެދުޒިޔާރަތް މަގު ހުޅުވައިލުމާ ގުޅޭ ގޮތުން އެ އޮތޯރިޓީން ގޮތެއް ނިންމި ކަމެއް ސާފެއް ނުވެ އެވެ.

މާލޭގެ މަގުތަކުގެ ހާލަތު ބަލައި، ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ. އެއީ އަލަށް އުފެއްދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާނުކުރި 100 ދުވަހުގެ އެޖެންޑާގައި ބުނެފައިވާ ގޮތުގައި މާލޭގެ މަގުތަކުގެ ޓްރެފިކް ދަައުރުވާ ގޮތް ރަނގަޅަށް ބެލުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި މަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު ހުޅުވަން ޖެހޭ މަގުތައް ހުޅުވާލާނެ އެވެ.

މަގުތައް ހުޅުވައިލުމަކީ، މި ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ފެށި "ޖަޒީރާ ހޮޅުއަށި"ގެ ފުރަތަމަ ބައްދަލުވުމުގައި ގިނަ ބަޔަކު އެދުނު ކަމެކެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ވަނީ އިސްލާމީ މަރުކަޒުގެ ދެ ފަރާތުން އޮންނަ ދެ މަގު އަލުން ހުޅުވައި އެ މަގުތައް ފުޅާކޮށްދިނުމަށް ވެސް އެދިފަ އެވެ.