ރައްޔިތުން ހާސްވާންޖެހޭ ވަރުގެ ކަމެއް ނެތް، ފެންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި: އެމްއެންޑީއެފް

މާލެއަށް މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް މެދުކެނޑުމެއް ނެތި ވެހުނު ބޯ ވާރޭގައި މަގުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވި ނަމަވެސް ރައްޔިތުން ހާސްވާންޖެހޭ ކަމެއް މިވަގުތަކު ނެތް ކަމަށާއި ފެންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.


ފަޔާ އެންޑް ރެސްކިއު ސާވިސްގެ (އެފްއާރުއެސް)ގެ ކޮމާންޑާ ކާނަލް އަބްދުﷲ ޒުހުރީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ފެންގަނޑު ކޮންޓްރޯލްކޮށް، އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އާއްމުންނަށް ހިނގައިބިނގައިވެ އުޅެވޭ ވަރަށް ފެން ހިއްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އަށް މިރޭ އިތުރަށް ވާރޭ ނުވެހިއްޖެ ނަމަ ކުރިއަށް އޮތް ދެ ގަޑިއިރުގެ ތެރޭގައި ފެން ހިންދާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޒުހުރީ ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑަށް ފެން ބޮޑުވެފައި ހުރީ އައިޖީއެމްއެޗް ސަރަހައްދުގަ އެވެ. އެއީ ގާތްގަނޑަކަށް 10 އިންޗި އެވެ.

"ފެނުގެ ކަންތައްތައް މިވަނީ ކޮންޓްރޯލް ކުރެވިފައި. އެހެން ނަމަވެސް އަޅުގަނޑުމެންގެ މަސައްކަތްތައް މިރޭ އެއްކޮށް ވެސް ގެންދާނަން،" އެފްއާރުއެސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

ޒުހުރީ ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ކަސްޓަމްސްއާ ގުޅިގެން ވެލި ބަސްތާ ޖަހަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި އުރީދޫން ވެސް ވަނީ 50 ގަންބޫޓު ހަދިޔާކޮށްފަ އެވެ.

ފެން ހިންދުމަށްޓަކައި މިހާރު ނުވަ ޕަމްޕު ބޭނުންކުރަމުން އަންނަ ކަމަށާއި އަދި އިތުރަށް ވާރޭވެހި ފެންބޮޑުވެއްޖެ ނަމަ 19 ޕަމްޕް ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ 25 ޕަމްޕު ބޭނުންކުރާނެ ކަމަށް ޒުހުރީ ވިދާޅުވި އެވެ.

މާލެއަށް މިއަދު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެއެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭ ވާރޭ ނުވެހުނަސް ސިފައިން ތިބީ ގޭގެ އަށް ފެން ވަދެފާނެ ކަމަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއަށް މިއަދު މެންދުރު ފަހު ބޯކޮށް ވާރޭވެހި މުޅި ސިޓީގައި ވަނީ ފެންބޮޑުވެފަ އެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު ދެ އާއިލާ އަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.