މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސް ފައްޓަވައި ދެއްވައިފި

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފި އެވެ.


މާލޭގައި މި ޕްރޮގްރާމް ރަސްމީކޮށް ފެށުން އޮތީ ސްޓޭޑިއަމް ސަރަހައްދުގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ، "ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖް ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި، އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ. އަދި ކުންޏާ މެދު އާންމުން ހޭލުންތެރި ކުރުމަކީ ޕްރޮގްރާމްގެ އެއް ބޭނުން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގައި، ރަށްރަށާއި ރިސޯޓުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް މިއަދު ފެށުމަށް މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނީގެ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ، ކުނި ނައްތާލުމުގެ ޕްރޮގްރާމް އެންމެ ދުވަހަކު ހިންގައިގެން މާލެތެރެ ސާފު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، މާލެތެރެ ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކު އެއް ފަހަރު ހުރިހާ ވުޒާރާތަކުން ވަގުތު ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑަށް ޔަގީން މިކަމަށް ތިޔަބޭފުޅުން ސަމާލުކަން ދެއްވާނެކަން. މިއަދު މި ފެށޭ ޕްރޮގްރާމްގެ ސަބަބުން މި ޖަޒީރާ ރާއްޖޭގެ މޫނުމަތި ކަމުގައިވާ މި މާލޭ ސިޓީ މުޅިން ސާފުވެގެން ދިއުން އަޅުގަނޑުމެންގެ އުންމީދަކީ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ކޮންމެ ދަރިއެއްގެ، ކޮންމެ މައެއްގެ، ކޮންމެ ބަފައެއްގެ، ހުރިހާ އުމުރެއްގެ ބޭފުޅުންގެ ބައިވެރިވުމާ އެކު އަޅުގަނޑުމެން އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހައްދަވައި މަގުމައްޗަނީ ކުނި ނަގާ ތަނެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް،" މޭޔަރު ވިދާޅުވި އެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ބައިވެރިވި އެވެ.