އެއާޕޯޓްގައި މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭނެ ގޮތް ހަމަޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭނެ ޕާކިން އޭރިޔާއެއް މިއަދު ހުޅުވައިފި އެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުވި ޕާކިން އޭރިޔާގައި 700 ސައިކަލް ޕާކް ކުރެވޭނެ އެވެ. އެއްގަމު އުޅަނދުފަހަރު ޕާކްކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ހާއްސަ ކުރި ޕާކިން އޭރިޔާ އެއާޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބޭނުންކުރެވޭނެ އެވެ.

ޕާކިން އޭރިޔާ ހުޅުވައިދެއްވުމަށް ފަހު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ހިލޭ ޕާކް ކުރެވޭނެ އިންތިޒާމް ހަމަަޖައްސާފައިވުމުން އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ފަސޭހަވެގެން ދާނެ ކަމަށާއި އަދި އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓް މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިޔާ ހުޅުވުމުން، ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކަނޑައަޅާފައިވާ 15 ވައުދުގެ ތެރެއިން ފަސް ވައުދު ފުއްދުނީ ކަން ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އެއާޕޯޓު މުވައްޒަފުންގެ ސައިކަލު ޕާކް ކުރަން އޭޕްރަންގެ އިރުމަތީ ފަރާތުގައި ވެސް ތަނެއް ހަދަމުން އަންނަ ކަމަށެވެ. އެއީ 1،300 އަށްވުރެ ގިނަ ސައިކަލް ޕާކް ކުރެވޭނެ ތަނެއް ކަމަށް އެއާޕޯޓް ކުންފުނިން ބުންޏެވެ.

ސޯލިހު ވިދާޅުވީ އެއްގަމު އުޅަނދުތަކަށް ހާއްސަ ޕާކިން ސަރަހައްދު ހުންނަނީ ކްރިޓިކަލް ތަނެއްގައި ކަމަށެވެ. އެހެންވެ ސައިކަލުތައް ޕާކް ކުރާއިރު އެކަމަށް ހާއްސަ ހުއްދަތަކެއް ނަގަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެއާޕޯޓުގައި އާއްމު ފަރާތްތައް ޕާކް ކުރުމަށް މިހާރު ސައިކަލަކަށް ނަގަނީ ގަޑިއިރަކަށް 10ރ. އެވެ.