ބިމާއި ފަޅުތަކާ ގުޅޭ ކަންކަން ނިންމުމުގެ ބާރު ސިޓީ ކައުންސިލްތަކަށް އަލުން ދޭން ނިންމައިފި

ބިންތަކާއި ފަޅުތަކާ ގުޅޭ ކަންކަމުގެ ބާރުތައް ސިޓީ ކައުންސިލްތަކަށް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.


ރައީސް އޮފީހުން ބުނިީ، އެގޮތަށް ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެގޮތުން އިގްތިސާދީ އަދި އިޖްތިމާއީ ބޭނުންތަކަށް ބިމާއި ފަރުތަކާއި ފަޅުތައް ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމާއި އެފަދަ ތަންތަނުގައި އިންވެސްޓްކޮށް، އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުމުގެ ބާރު ވެސް ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމްތައް ގާއިމް ކުރުމުގެ ބާރު ވެސް ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އަލުން ދިނުމަށް ނިންމި ބާރުތައް ސިޓީ ކައުންސިލްތަކަށް ދޭނީ އެ ބާރުތައް މިހާރު ހަވާލު ކޮށްފައިވާ އިދާރާތަކުން ކަނޑައަޅާ އުސޫލެއްގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ލާމަރުކަޒީ ގާނޫނު 2011 ގައި ވުޖޫދަށް އައިއިރު ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ގާނޫނުގައި ކަނޑައަޅާފައި އޮތަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ގާނޫނު އިސްލާހުކޮށް، ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައެޅުން ރައީސްގެ ދަށަށް ބަދަލުކޮށްފަ އެވެ.