ޒަހަމްވީ ބަންގްލަދޭޝްގެ ޑޮކްޓަރެއްގެ ދަރިއެއް

ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރެއްގެ ދަރިއަކަށް ކަމަށް، މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ޒަހަމްވި އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖާއަށް އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އެންމެ ފަހުން އެ ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.

މި ހިމާތަވެރި ހާދިސާއާ ބެހޭ ގޮތުން ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ފ. އަތޮޅުގެ ރަށެއްގައި މަސައްކަތްކުރަމުން އަންނަ ޑޮކްޓަރާއި އޭނާގެ ދަރިފުޅު މާލެ އައިސް އުޅުނީ ޗުއްޓީއެއްގައި ކަމަށެވެ.

ޝިފާ ވިދާޅުވި ގޮތުގައި އަނިޔާ ލިބުނު ކުއްޖާއަށް، އެތަން އިމާރާތްކުރަމުން ދިޔަ ޑަބްލިޔު ކޮންސްޓްރަކްޝަންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި އެ ކުއްޖާގެ ހާލަތާއި އެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ އިދާރާތަކާއި ރައީސް އޮފީހުން ވެސް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ އިމާރާތްކުރަމުން ދިޔަ ތަނުގައި މަސައްކަތް ކުރުމުގެ ހުއްދައިގެ ބޯޑު ބަހައްޓާފައި ހުއްޓަސް އެއީ އެވަގުތު ކުރަމުން ދިޔަ މަސައްކަތަށް ނަގާފައިވާ ހުއްދައެއް ނޫން ކަމަށެވެ. އަދި އެތަން ސުޕަވައިޒްކުރުމުގެ ކަންކަން ވެސް ދިޔައީ ވަރަށް ފަރުވާ ކުޑަކޮށް ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެދެނީ ކުރިއަށް އޮތް ތަނުގައި މާލެ ސިޓީގައި ކުރެވޭ މަސައްކަތަކީ ބެލުންތެރިކަމާ އެކު، ކުރެވޭ މަސައްކަތަށް ހެދުން...މާލެ ސިޓީއަށް ޒިޔާރަތްކުރާ ބޭފުޅުން ކަމުގައި ވިއަސް ބިދޭސީ، ދޭސީއަކު ކަމުގައި ވިއަސް އެ ރައްޔިތުންގެ ރައްކާތެރިކަން އެއީ ފުރަތަމަ ކަމަކަށް ވާން ޖެހޭނެ،" ޝިފާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އެ މަސައްކަތް ކުރަމުން ދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ.