ޖިނާއީ މައްސަލަތަކުގައި ގައުމުތަކާ އެހީތެރިކަން ބަދަލު ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

ޖިނާއީ މައްސަލަތަކުގައި އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިި އެވެ.


ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލު ކުރުމުގެ ގަވާއިދަކީ، ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް އެކުލަވާލި ގަވާއިދެކެވެ. އެ ގާނޫނު ބުނާގޮތުން ޖިނާއީ މައްސަލަތަކުގައި ބައިނަލްއަގްވާމީ އެހީއަށް ރާއްޖޭގެ ފަރާތުން އެދޭނީ ވެސް އަދި އެހެން ގައުމަކުން ރާއްޖެ އަށް ހުށަހަޅާ އެފަދަ ހުށަހެޅުންތައް ހުށަހަޅަން ޖެހޭނީ ވެސް ޕްރޮސެކިއުޓާ ޖެނެރަލަށެވެ.

މިދިޔަ ހަފުތާގައި އާންމުކޮށް، އަމަލުކުރަން ފެށި އެ ގަވާއިދަކީ ޖިނާއީ މައްސަލަތަކުގައި ރާއްޖެއިން ބައިނަލްއަގްވާމީ އެހީއަށް އެދުމުގައި އަދި އެފަދަ މައްސަލައެއްގައި ބޭރު ގައުމަކުން ރާއްޖޭގެ އެހީއަށް އެދުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާ ގަވާއިދެވެ. ބޭރު ގައުމުތަކުން ވެސް ރާއްޖޭގެ އެހީއަށް އެދެން ޖެހެނީ އެ ގަވާއިދުގައި ބުނާ ގޮތަށެވެ.

ޖިނާއީ ތަހުގީގުތަކާ ގުޅިގެން ނުވަތަ ޖިނާއީ ޝަރީއަތްތަކާ ގުޅިގެން އެހީއަށް އެދުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އެ ގަވާއިދުގައިވެ އެވެ. އެގޮތުން ހެކި ހޯދުމާއި ޖިނާއީ މައްސަލަތަކުގައި އެހީތެރިވުމަށްޓަކައި، ބޭރުގައި ބަންދުގައި ތިބި މީހުން ރާއްޖެ ގެނައުމާއި ރާއްޖޭގައި ތިބި މީހުން ބޭރަށް ފޮނުވުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ވެސް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ބޭރު ގައުމެއްގައި ބަންދުގައި ހުރި މީހަކު ޖިނާއީ މައްސަލައަކާ ގުޅިގެން އެހެން ގައުމަކަށް ގެންދިއުމުގައި ރާއްޖޭގައި ޓްރާންސިޓް ކުރާ ނަމަ، އަމަލުކުރަންޖެހޭ އުސޫލުތަކާއި މުދަލެއް ހިފަހައްޓަން ބޭރު ގައުމަކުން ނެރެފައިވާ އަމުރުތައް ރާއްޖޭގައި ތަންފީޒު ކުރުމުގެ އުސޫލުތައް ވެސް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ.