މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 32 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 83 ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އެ ހުރިހާ މައްސަލަތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 32 ކިލޯއަށް އަރާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު 2017 ވަނަ އަހަރު އަތުލައިގަތް އަދަދަށް ވުރެ އިތުރެވެ. ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު ކަސްޓަމްސް އިން އަތުލައިގަތީ 25 ކިލޯގެ މަސްތުވާތަކެއްޗެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނައިން އަތުލައިގަތީ ކެނަބިސް އެވެ. އެގޮތުން ކެނަބިސްގެ ގޮތުގައި 17 ކިލޯ އަތުލައިގެންފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން އަތުލައިގަތީ ހެރޮއިންނެވެ. ހެރޮއިންގެ 10 ކިލޯގެ އަތުލައިގަތް ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެންމެ ގިނައިން އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރި މަސްތުވާތަކެއްޗެކެވެ. ޕޯސްޓް މެދުވެރިކޮށް އެކަނި ވެސް 68 ފަހަރު މަސްތުވާތަކެތި އެތެރެ ކުރަނިކޮށް އަތުލައިގެންފައި ވާއިރު، ދެވަނަ އަށް އެންމެ ގިނައިން އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާ އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.