ހުރަވީ ސްކޫލަކީ ބައިނަލްއަގްވާމީ ޑިޒައިނެއް: އާކިޓެކްޓް

ތައުލީމީ އާ އަހަރާ އެކު، މިއަދު ކިޔަވައިދޭން ފެށި ރާއްޖޭގެ އެންމެ ބޮޑު ސްކޫލް، ހުރަވީ ސްކޫލް ޑިޒައިން ކޮށްފައި ވާނީ މިހާރު ރާއްޖޭގައި ހުރި ސްކޫލްތަކާ ތަފާތުކޮށް، އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ މަސައްކަތް ކުރި "އާކްއެންޖް" ކުންފުނިން މިއަދު ބުނެފި އެވެ.


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ހުޅުމާލޭގައި ހެދި ސްކޫލް އިމާރާތް އާކްއެންޖް އިން ޑިޒައިން ކޮށްފައިވާއިރު އެ ސްކޫލް އިމާރާތް ކުރީ އަމިން ކޮންސްޓްރަކްޝަންނުންނެވެ. ހަތް ބުރީގެ ތިން ބްލޮކް ހިމެނޭ އެ އިމާރާތަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ސްކޫލެވެ. ވަސީލަތްތައް ތަނަވަސްއިރު ޖާގައިގެ ގޮތުން ބޮޑެވެ.

އެ މަސައްކަތް ކުރި ޓީމުގައި ހިމެނޭ އާކިޓެކްޓް މުހައްމަދު ޖައިޝަން "މިހާރު" އަށް ވިދާޅުވީ ހުރަވީ ސްކޫލަކީ ސަލާމަތީ ގޮތުންނާއި އެހެން ގޮތްގޮތުން ރަނގަޅު އިމާރާތަކަށް ހެދުމަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޒައިން ކޮށްފައިވާ ތަނެއް ކަމަށެވެ.

"ރާއްޖޭގައި ހުރި ކޮންސެޕްޓެއް ނޫން މިއީ. ވަސީލަތްތަކަށް ބަލާއިރު ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކަށް ބެލިން. ބައިނަލްއަގްވާމީ މިންގަނޑަށް ތަންތަން ހުންނާނީ. ހަމަ އަދަދުތަކެއް ޖެހީއެއް ނޫން،" ހުޅުމާލޭގެ ރެހެންދި ސްކޫލާއި މާލޭގައި ހިންގާ އަރަބިއްޔާ ސްކޫލް ވެސް ޑިޒައިން ކުރި ކުންފުނީގެ އާކިޓެކްޓް ވިދާޅުވި އެވެ.

ހުރަވީ ސްކޫލްގެ އިމާރާތް ބޭރުން ފެންނަ ގޮތް.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ހުރަވީ ސްކޫލްގެ އިމާރާތުގައި ތިން ބްލޮކް ހުންނައިރު، އޭގެ ތެރެއިން މެދު ބުލޮކް ހާއްސަ ކޮށްފައިވަނީ އެކިއެކި ވަސީލަތްތަކަށެވެ. ލައިބްރަރީތަކާއި ލެބްތައް ހުންނަނީ އެ ބްލޮކްގަ އެވެ. ދެ ފަރާތުގައި ހުންނަ ދެ ބްލޮކުގައި ކްލާސް ރޫމްތަކާއި ސްޓާފް ރޫމްތައް ވަނީ ހަދައިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އެ އިމާރާތަށް އެރޭ ގޮތަށް މެދުގައި ވަނީ ރޭމްޕެއް ވެސް ލައިފަ އެވެ.

"މާ ދުރަށް ހިނގަން ނުޖެހި މުޅި އިމާރާތަށް ދެވޭނެ. މެދު ބްލޮކްގައި ލެބްތައް ފަދަ ތަންތަން ހުންނައިރު މުޅި އިމާރާތުގައި ނުހިނގައި އެކްސެސްވެވޭ ގޮތަށް ޑިޒައިން ކޮށްފައި ވާނީ،" ޖައިޝަން ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ސްކޫލްތައް ހަދާފައި ހުންނަނީ "ޔޫ ޝޭޕް" އަށެވެ. އިމާރާތުގެ މެދުގައި ބޮޑު ހުސް ޖާގައެއް ބާއްވާފައި ތިން ފަރާތުގައި ހުންނަނީ އިމާރާތް ކޮށްފަ އެވެ. ނަމަވެސް ހުރަވީ ސްކޫލް ހަދާފައި ވަނީ ތިން ބްލޮކް ކައިރިކައިރީގަ އެވެ. އަދި ބޭރުން ފެންނަން ހުންނަނީ ގޮޅިތަކެއް އެކި ވަރުވަރަށް އަތުރާފައި ހުންނަ ގޮތަށެވެ.

ޖައިޝަން ވިދާޅުވި ގޮތުގައި އެ ގޮތަށް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ވާރޭ ވެހޭއިރު، އިމާރާތަށް ފެން ވަނުން ކުޑަކުރުމެވެ. އަދި ތިން ބްލޮކް ގުޅޭ ހިސާބުތައް ޑިޒައިން ކޮށްފައިވާ ގޮތުން އެ އިމާރާތަކީ ވަރަށް ބޮޑަށް އަލި ތަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރަވީ ސްކޫލުގައި 54 ކްލާސް ރޫމް ހުރެ އެވެ. ޖުމުލަ 1650 ކުދިންނަށް އެއް ފަހަރާ ކިޔައިވައިދެވޭނެ އެވެ. ކޮންމެ ކްލާހެއް ވެސް ހަދާފައިވަނީ ޕްރޮޖެކްޓަރު ބޭނުން ކޮށްގެން ކިޔަވައި ދެވޭނެ ގޮތަށެވެ. އަދި އަތް ދޮވުން ފަދަ ކަންކަމަށް ކޮންމެ ކްލާހެއްގައި ސިންކެއް ބަހައްޓާފައި ވެ އެވެ. ސްކޫލް ހޯލަކީ އެއް ފަހަރާ 800 އެއްހާ ކުދިން ތިބެވޭވަރުގެ ތަނެކެވެ. ކެންޓީނުގައި އެއްފަހަރާ 300 އެއްހާ ކުދިންނަށް ހިދުމަތް ދެވޭއިރު އެތަން ހަދާފައިވަނީ ބަދިގެއަކާއި ކައުންޓަރެއްގެ އިތުރުން ވީއައިޕީ ބައެއް ވެސް ހިމެނޭ ގޮތަށެވެ. ކެންޓީނާ ގުޅިގެން ޖާގައިގެ ގޮތުން ތަނަވަސް ޓެރަހެއް ހަދާފައި ހުރެ އެވެ.

ސްކޫލްގެ ޑިޒައިން 2015 ވަނަ އަހަރު ނިންމާލާފައި ވަނީ ހަ މަސް ދުވަހުގެ މަސައްކަތުން ކަމަށް އާކްއެންޖް އިން ބުނެ އެވެ. ރަނގަޅަށް މެއިންޓެެއިން ކުރެވިއްޖެ ނަމަ އެ އިމާރާތް 100 އަހަރަށް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.