އަލް ޖަޒީރާގެ ޑޮކިއުމެންޓްރީއަށް ސަރުކާރުގެ ބަސް ހޯދަން އެދިއްޖެ

ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ހަދާ ޑޮކިއުމެންޓްރީއަށް ސަރުކާރުގެ ބަސް ހޯދަން އިއްޔެ އެދިއްޖެ އެވެ.


ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ވަނީ ތަހުގީގީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓު މި މަހުގެ 30 ގައި ލަންޑަނުގައި ދައްކާލަން ވަނީ ނިންމައިފަ އެވެ.

މި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދަން އެދިފައި ނުވާ ކަމަށް ރައީސް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.

އެކަމަކު ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެން ޝިހާބު މިއަދު ވިދާޅުވި ގޮތުގައި، އަލް ޖަޒީރާއިން ވަނީ އެ އޮފީހުގެ ބަހެއް ހޯދަން އެދި އިއްޔެ ހަވީރު އީމެއިލެއް ފޮނުވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ އިންޓަވިއުއަކަށް އަލް ޖަޒީރާއިން އެދިފައި ނުވާ ކަމަށާއި ހަމައެކަނި ބުނެފައި ވަނީ ޑޮކިއުމެންޓްރީގައި ރައީސްއާ ގުޅުވައިގެން ހިމަނާފައިވާ ކަންކަމާ ގުޅޭ ގޮތުން ލިޔުމުން ބަހެއް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ކުރިން އެއްވެސް ގޮތަކުން ނެތް ސަރުކާރުގެ ބަހެއް ހޯދަން އެދިފައެއް،" ޝިހާބު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެން ޝިހާބު.-- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، ޑޮކިއުމެންޓްރީގައި ހުރި "ތުހުމަތުތައް ރައްދުވާ ހުރިހާ ފަރާތްތަކުގެ" ބަސް ހޯދަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަލް ޖަޒީރާއިން އެ ފަރާތްތަކުގައި އީމެއިލް މެދުވެރިކޮށް އެދުނުކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެކަމަކު، އޭގެ ތެރޭގައި ރައީސް އޮފީސް ހިމެނޭ ކަމެއް ނޭނގެ އެވެ.

"ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އަލް ޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ އިފުތިތާހު ކުރުމަށް މިހާރު ވަނީ ބައެއް ބޭފުޅުންނަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. މި ރިޕޯޓުގައި "އާ ހެކި" ހިމެނޭނެ ކަމަށް ދައުވަތު ކާޑުގައި ވާއިރު، ރައީސް ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ޖަހާފައިވެ އެވެ. އަދި ދިވެހި ދެ ރުކަކާއި ރިޔާސީ ލޯންޗްކޮޅުގެ ސިފަ ހުރި ލޯންޗެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.

ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ. އަލް ޖަޒީރާ ޓީވީގައި އެ ޑޮކިއުމެންޓްރީ ދައްކަން ފަށާ ދުވަހެއް އަދި ޝެޑިއުލަކަށް ނާރުވަ އެވެ.

މި ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން ވެސް ސަރުކާރަށް ނިސްބަތްވެވަޑައިގެންނަވާ އެކި ބޭފުޅުން ގެންދަވަނީ އޭގައި ހުރި ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެއީ އިިދިކޮޅު ފަރާތްތަކުން އަލް ޖަޒީރާ އަށް ފައިސާ ދީގެން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ދޭހަވާ ގޮތަށް އިއްޔެ ވާހަަކަ ދައްކަވައިފަ އެވެ.

މި ޑޮކިއުމެންޓަރީ ތައްޔާރުކުރީ، ދައުވަތު ކާޑުގައި އޮތް ގޮތުން، އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުންނެވެ. މި ޔުނިޓުން ތައްޔާރުކުރި ބައެއް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑު ވެސް ލިބިފައިވެ އެވެ.