ފާރިސްގެ ރިޝްވަތުގެ މައްސަލަ ބޭރުކޮށްލައިފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭރުކޮށްލައިފި އެވެ.


ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލަ ބޭރުކޮށްފައި ވަނީ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ޕީޖީ އޮފީހުން ނުބުނެ އެވެ.

ޕީޖީ އޮފީހުން ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މެންބަރުންނަށް ރިޝްވަތު ހުށަހަޅަމުންދާ ކަމަށް ބުނެ އެވެ.

ފާރިސް ހައްޔަރު ކުރުމަށް ފަހު ރިޝްވަތުގެ ތުހުމަތުގެ އިތުރުން ޝަހުސު އޮޅުވާލުމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. އެއީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމުން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ޝަހުސު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފާރިސްގެ މައްޗަށް ޖަލު ހުކުމެއް ވެސް ވަނީ ކޮށްފަ އެވެ. ކޯޓުން އޭނާ މިނިވަންކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުންނެވެ.