އެމްޑީޕީ ނޫން އެހެން ޕާޓީތަކާ ކޯލިޝަން މަޝްވަރާ އަށް ތައްޔާރު: ޔާމީން

ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ނަމަވެސް، އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އުނދަގޫވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ތަފާތު ކަމަށެވެ. އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށްޓަކައި މަޝްވަރާ ކުރަން އުނދަގޫވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން (ކޯލިޝަން ހެދުމަށްޓަކައި އެމްޑީޕީ ނޫން ޕާޓީތަކާ މަޝްވަރާ ކުރުމުގެ) ފުރުސަތު ހޯދާނަން، އެ ފުރުސަތު އޮތް ކަމަށްވާނަމަ،" ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީ ނޫން އެހެން ޕާޓީތަކާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވި އިރު، އެމްޑީޕީއަށް ވެރިކަން ލިބުނީމާ މި ފަހަރު ވެސް ޖުމްހޫރީ ޕާޓީ "މަގުމައްޗަށް ނެރެ އެއްލައިލީ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރަން ކޮންމެ ބަޔަކާ އެކު ވާހަކަ ދައްކަން ވެސް ތައްޔާރުވެ ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ "ޖޭޕީއާ އެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތި ލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައިން" ކަމަށެވެ. މީގެ މާނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އޭގެ ތެރޭގައި ހިމެނުން ކަމަށް ވެދާނެ އެވެ. އެކަމަކު ސީދާ އެގޮތަށް ވިދާޅުވެފައެއް ނެތެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަލަށް ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޔާމީން ވިދާޅުވީ މައުމޫން ޕާޓީއެއް ހެއްދެވުމަކީ ޕީޕީއެމާއި ކޮންގްރެސް ޕާޓީ އަށް ގޮންޖެހުމެއް ނުވަތަ ލޮޅުމެއް އަރާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޕީއެންސީ އުފައްދާފައި ތިން ގަޑިއިރު ނުވެ 3،000 ފޯމް ހުށަހެޅިން، އެއީ އަދި އަޅުގަނޑުމެން އަތޮޅު ތެރެއަށް ދަތުރުވެސް ނުކޮށް، އަޅުގަނޑު ގަބޫލެއް ނުކުރަން އެހެން ބޭފުޅަކު އަދި ޕާޓީއެއް އުފެއްދެވި ނަމަވެސް އެހާބޮޑު ލޮޅުމެއް ގޮންޖެހުމެއް އަތުވެދާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.

މައުމޫނާ އެކު ކޯލިޝަން ހެދުމަށްޓަކައި އެއް މޭޒަކަށް ވަޑައިގެންފާނަންތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވީ މައުމޫން ވެސް ޕާޓީއެއް ހެދުމުން ކޯލިޝަން ހަދަން ބޭނުންވާނަމަ މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މައުމޫންގެ މަސައްކަތްޕުޅަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ އިށީންނަންވީ،" ޔާމީން ވިދާޅުވި އެވެ.