މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ ހައްޔަރުކޮށްފި

މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ މިއަދު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އިދާރާ އިން ބަލާ މައްސަލައަކާ ގުޅިގެން މުސްތަފާ ހައްޔަރު ކުރީ ހަވީރު 4:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ މާލެ ވަޑައިގެންނެވީ ބެންކޮކުގައި ގިނަ ދުވަސްތަކެއް ވަންދެއް އުޅުއްވުމަށް ފަހު އެވެ.

ބ. ތުޅާދޫ އަށް ނިސްބަތްވާ މުސްތަފާ ހައްޔަރު ކުރީ ޓޫރިޒަމަށް ރަށެއް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެކިންނަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރުމާއި ހެކިންނަށް ބިރުދައްކަމުންދާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން ޓްރޭޑް މިނިސްޓްރީ ހިންގެވި ދުވަސްވަރުން ފެށިގެން އެމަނިކުފާނާ ގާތް ގުޅުމެއް އޮންނަ މުސްތަފާ ހައްޔަރުކޮށްފައިވާއިރު، މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސައުދީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އަށް ހަދިޔާކުރި އަގުބޮޑު ކާރެއް، ލ. އަތޮޅުގައި ދުއްވާ ގޮތަށް އޭނާގެ ނަމުގައި ރަޖިސްޓްރީކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.