ގަވާއިދަށް އަމަލުކުރުން ފަސްކުރުމުގައި އަޅުގަނޑު ކޮރަޕްޝަނެއް ނުހިންގަން: ރަފީއު

ވެހިކަލްތަކުގެ ނަމްބަރު ބޯޑްގައި ވަކި ފޮންޓެއް ބޭނުންކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދަށް އަމަލުކުރުން ފަސްކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅީ އޭނާއާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު މިއަދު ވިދާޅުވެއްޖެ އެވެ.


ރަފީއު ކޮރަޕްޝަން ހިންގެވި ކަމުގެ ތުހުމަތާ އެކު އޭސީސީ އަށް މީހަކު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގަވާއިދަށް އަމަލުކުރަން ފަސްކުރަން އަންގައި، އޮކްޓޯބަރު 4، 2010 ގައި އިއުލާނެއް ނެރުއްވީ ރަފީއު ސޮއި ކުރައްވަ އެވެ. އެއީ، ގަވާއިދާ ޚިލާފު އިއުލާނެއް ކަމަށް ތުހުމަތުކޮށް އެދިފައި ވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.

އެ މައްސަލަ ހުށަހަޅާފައިވާކަން މީޑިއާ އަށް ޔަގީންކޮށް ދިން ނަމަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ނުބުނެ އެވެ.

ރަފީއު ވިދާޅުވީ ވަކި ފޮންޓެއް ބޭނުންކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދަށް އަމަލުކުރުން ފަސްކުރުމަކީ އޭނާގެ ނިންމެވުމެއް ނޫން ކަމަށެވެ. އެ ގަވާއިދާ ގުޅޭ ގޮތުން ބަޔަކު އަޑުއުފުލަން ފެށުމުން އެއީ، 2010 ގައި، ޓްރާންސްޕޯޓް މިނިސްޓްރީގައި ތިއްބެވި ވެރިންގެ ނިންމެވުމެއް ކަމަށާއި އެކަމާ ގުޅުވައި އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތު ކުރަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ގަވާއިދަށް އަމަލުކުރުން ފަސްކުރަން ނެރުނު އިއުލާންގައި ސޮއި ކުރެއްވީ ވެސް އޭނާ ނޫން ކަމަށް ރަފީއު ވިދާޅުވި އެވެ.

"ގަވާއިދަކާ ގުޅުވައި އަޅުގަނޑު ހިންގި ކޮރަޕްޝަނެއް ނޯންނާނެ. އެ ނޫން ކަމެއްގައި ވެސް އަޅުގަނޑަކީ ކޮރަޕްޝަންގެ ވިސްނުން ގެންގުޅޭ މީހެއް ނޫން. އަޅުގަނޑާ ގުޅުމެއް ނެތް ކަމެއްގައި ތުހުމަތުތަކެއްކޮށް އޭސީސީ އަށް ހުށަހަޅަންވީ ސަބަބެއް ނޭނގެ،" ރަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަގީގަތާ ޚިލާފު ތުހުމަތުތަކަކުން ކޮރަޕްޝަންގެ ތުހުމަތުތައް ކުރުމަކީ ހިތާމަކުރައްވާ ކަމެކެވެ.

ނަމްބަރު ޕްލޭޓްގައި ވަކި ފޮންޓެއް ހުންނަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހެދި ގަވާއިދަށް އަމަލުކުރުން ފަސްކުރި މައްސަލަ ފެންމަތިވީ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގި "މީތި ސަޅި" ކެމްޕޭނުގައި މިނިސްޓަރު އައިޝަތު ނަހުލާ ދުއްވެވި ކާރުގައި އެހެން ފޮންޓަކުން ނަމްބަރު ޕްލޭޓް ހުރުމުން، އެކަމާ ފާޑުކިއުމުގެ ތެރޭގަ އެވެ.

އެ ފާޑުކިއުންތައް އަންނަން ފެށުމުން މިނިސްޓްރީން ބުނީ ވަކި ފޮންޓަކުން ނަމްބަރު ޕްލޭޓް ހުންނަން ޖެހޭ ގަވައިދަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށެވެ.