ދުންފަތާ ދުރުވާން ނައިބު ރައީސް ގޮވާލައްވައިފި

މައިންނާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ދުންފަތުގެ ދުމުން ސަލާމަތްކުރަން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.


"މޯލްޑިވްސް ޑިމޮކްގްރެފިކް ހެލްތު ސާވޭ 2016-17" އާއްމުކުރުމަށް ހޮޓެލް ޖެން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ސާވޭ ނެރެދެއްވުމަށް ފަހު ފައިސަލް ވިދާޅުވީ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުން ލިބެމުންދާ ގެއްލުން ރާއްޖޭގެ މަގުތަކުން ފެންނަ ކަމަށެވެ. ދުންފަތުގެ ނުރައްކަލުން އެ ފަރާތްތައް ސަލާމަތްކުރުމަކީ ގައުމީ ވިސްނުމެއްގައި މަސަައްކަތްކޮށްފި ނަމަ ކާމިޔާބު ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި އެންމެހާ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އެހެން އެންމެހާ ފަރާތްތަކަށް ވެސް ގޮވައިލަން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލުން ހާއްސަކޮށް އަޅުގަނޑުމެންގެ މައިންނާއި އަޅުގަނޑުމެންގެ ދޮށީ އުމުރުގެ ބޭފުޅުންނާއި އަޅުގަނޑުމެންގެ ކުޑަކުދިން އަޅުގަނޑުމެން ސަލާމަތްކުރަން އެބަޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

މިއަދު އާއްމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 42 ޕަސެންޓް މީހުން ދުންފަތުގެ ކޮންމެވެސް ބާވަތެއްގެ އިސްތިއުމާލު ކުރެ އެވެ. އަދި އަންހެނުންގެ އާބާދީގެ ތިން ޕަސެންޓް މީހުން ވެސް ދުންފަތުގެ އިސްތިއުމާލް ކުރާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ބަޔަކަށް ހަދަން ސަރުކާރާއި ޖަމިއްޔާ ޖަމާއަތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އާއްމު ފަރުދުން އެ މަސައްކަތުގައި ބައިވެރިވާންޖެހޭ ކަަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ނުބައި އާދައިން ޒުވާނުން ދުރުކުރުމަށް މައިންބަފައިން ހާއްސަ ކެމްޕޭނެއް ކުރުމަށް އޭނާ ގޮވައިލެއްވި އެވެ.

"އަޅުގަނޑު މިއަދު ހަމަ ހުރިހާ ޒުވާނުންނަށް އަދި ވަކީން ހާއްސަކޮށް ގޮވައިލަން ބޭނުން، އަޅުގަނޑު ހަމަ މައިންބަފައިންނަށް ވަކިން ހާއްސަކޮށް ގޮވައިލަން ބޭނުންވޭ މިކަމުން ދުރުހެލިވުމަށްޓަކައި އަޅުގަނޑުމެން ހާއްސަ ކެމްޕޭނެއް ކުރުމުގެ މުހިއްމުކަން،" އޭނާ ވިދާޅުވި އެވެ.

މިއަދު އާއްމުކުރި ސާވޭގެ ނަތީޖާއިން އެނގޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެ ނޫން ވެސް ސިއްހީ ގޮތުން ރަނގަޅު ނޫން އާދަތައް ރާއްޖޭގައި އާއްމުވެފައި ވާއިރު، ދުޅަހެޔޮ އާދަތައް ރާއްޖޭގައި މަދެވެ. އެހެންވެ، އެކަށީގެންވާ ވަރަށް ވުރެ ބަރު މީހުން ވެސް ނިސްބަތުން ގިނަ އެވެ.

ނައިބު ރައީސްގެ ވާހަަކަފުޅުގައި އެކަން ވެސް ފާހަގަކުރައްވައި، ސިއްހަތަށް ފައިދާހުރި އާދަތައް ހަރުލައްވަން ރައްޔިތުންނަށް ގޮވައިލެއްވި އެވެ. އެގޮތުން ދުޅަހެޔޮ ހަށި ހެޔޮ މުޖުތަމައެއް ބިނާކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް ގެންދަވާ ކެމްޕޭނުގައި ބައިވެރިވުމަށް އޭނާ ގޮވައިލެއްވި އެވެ.

"އަޅުގަނޑުމެން ކަސްރަތުކުރަން އެބަ ޖެހޭ. އަޅުގަނޑުމެން އޮފީހުގައި ގިނަ ވަގުތުތައް ހޭދަކުރާއިރު، އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެވެސް ވަގުތުކޮޅެއް އަޅުގަނޑުމެންގެ ހަށިގަނޑަށް ދޭން. އަޅުގަނޑުމެންގެ ނަފުސަށް ދޭން،" ފައިސަލް ވިދާޅުވި އެވެ.

މޯލްޑިވް ޑިމޮގްރެފިކް ހެލްތު ސާވޭ 2016-17 އާއްމުކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެހެން ބައެއް ވަޒީރުންނާއި ހެލްތު މިނިސްޓްރީގައި ކުރިން މަސައްކަތްކުރައްވާފައިވާ ބައެެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޑިމޮގްރަފިކް ހެލްތު ސާވޭ އަކީ އާބާދީގެ ސިއްހީ ހާލަތު ދެނެގަތުމަށް ކޮންމެ ފަސް އަހަރަކުން ނުވަތަ އެގައުމަކުން ކަނޑައަޅާ މުއްދަތުގެ ދުރުމިނެއްގައި ކުރާ ސާވޭ އެކެވެ. ރާއްޖޭގައި މިފަހަރުގެ ސާވޭގެ ކުރިން މިފަދަ ސާވޭއެއް ކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ ސާވޭ ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އާއި އދ.ގެ އެހެން ބައެއް އެޖެންސީތަކުން ރާއްޖެއަށް އެހީތެރިވެދިނެވެ.