"ޔާމީން ހައްޔަރު ކުރެވިދާނެ، ފިކުރެއް ނުފޮހެވޭނެ"

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމާ އެކު އެ މަނިކުފާނު ހައްޔަރު ކުރަން އުޅޭ ކަމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.


ޔާމީން މިވަގުތު ހުންނެވީ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީން ޖަލަށް ލެވިދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ގެންނެވި ތަރައްގީގެ ފިކުރެއް ޖަލަށް ނުލެވޭނެ ކަމަށެވެ.

ނިހާންގެ އިތުރުން ޕީޕީއެމްގެ އެހެން އިސް ބޭފުޅުން ވެސް ގެންދަވަނީ ޔާމީން ހައްޔަރު ކުރިޔަސް އެމަނިކުފާނުގެ ފިކުރު ނުފޮހެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

"ރައީސް ޔާމީންގެ ތަރައްގީ ޖަލަކަށް ނުލެވޭނެ. ރައީސް ޔާމީންގެ ތަރައްގީ ޖަލަކަށް ނުލެވޭނެ،" ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވާފައި ވެ އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މި ސަރުކާރުގެ ކުރިމަތީ ޔާމީން "ކުޑަކަކޫ ނުޖަހާނެ" ކަމަށެވެ.

"ޕީޕީއެމާއި ކޮންގްރެސް ގެ ލީޑާޝިޕް އެއްކޮށް ހައްޔަރު ކުރެވިދާނެ. އެކަމަކު ފަހުގެ ތާރީޚެއްގައި ރާއްޖެ ފަޚުރުވެރި ކުރުވި ތަރައްގީގެ ލީޑާ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ކުލުނު ހައްޔަރު ކުރެވިދާނެބާ؟" ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޚަލީލްގެ ޓުވީޓުގައި ވެ އެވެ.

ހަލީލް ކުރެއްވި ޓްވީޓް---

އޭނާ ވިދާޅުވި ގޮތުގައި އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މި ސަރުކާރު ބޮޑުތަކުން ބަލިކުރާނެ އެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. ޔާމީން ވިދާޅުވެފައިވާ ގޮތުގައި ސުވާލު އުފެދިފައި ވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ.

ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.