މަނީ ލޯންޑަރިން ހުއްޓުވަން އިހުމާލުވި އެމްއެމްއޭގެ ވެރިންތަކަކަށް ދައުވާކުރަން ފޮނުވަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑަރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވެފައިވާ މައްސަލައިގައި އެ ތަނުގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ނިންމައިފި އެވެ.


އޭސީސީން އިއްޔެ ބުނިގޮތުގައި އެމްއެމްޕީއާރުސީގެ އެކައުންޓަކުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް އެކަން ހުށަހެޅި އެވެ. ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ވެސް ފޮނުވި ކަމަށް އޭސީސީން ބުންޏެވެ.

އެ މައްސަލަ އެފްއައިޔޫ އިން ބަލައި ތައްޔާރުކުރި ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ހިންގި ކަން ސާފުވާން އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ. އެކަމަކު، އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަނޭޅީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް އޭސީސީން ކުރި ތަހުގީގަށް ފަހު ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރަން އެދި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް އޭސީސީން ބުންޏެވެ. އެކަމަކު ދައުވާ ކުރަން ފޮނުވަން ނިންމި ބޭފުޅުންގެ ނަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރަން ނުފޮނުވި މައްސަލައިގައި އޭސީސީން ސުވާލުކޮށް ބަޔާން ނެގި ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ އިތުރުން އެފްއައިޔޫގެ ކުރީގެ ހެޑް، އިބްރާހިމް އާތިފް ޝަކޫރު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެމްއެމްއޭގެ ބައެއް އިސް މުވައްޒަފުން ވެސް ހިމެނެ އެވެ.

އޭސީސީގެ ތަހުގީގުގައި އާތިފް ވިދާޅުވެފައި ވަނީ، އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައިވެ އެވެ.

އެ ތުހުމަތު ދޮގުކުރައްވައި އޭސީސީގެ ތަހުގީގަށް އަޒީމާ ވިދާޅުވެފައި ވަނީ އެސްއޯއެފުން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް"ގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށް އާތިފަށް ދަންނަވާފައި ވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އެފްއައިޔޫ އަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓަކަށް ވާތީ، އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން އަމަލުކުރާނީ ކިހިނެއްތޯ ނިންމައި ގޮތެއް ކަނޑައަޅާނީ އަދި އެކަން ރިޕޯޓްކުރާނީ ކޮންތާކަށް ކަން ވެސް ނިންމާނީ އާތިފް ކަމަށް ދަންނަވާފައިވާނެ ކަމަށް ވެސް އޭސީސީގެ ތަހުގީގަށް ދިން ބަޔާނުގައި އަޒީމާ ވިދާޅުވެފައިވެ އެވެ.

އޭސީސީން ފާހަގަކުރި އެފްއައިޔޫގެ އިހުމާލުތައް

- ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު އެފްއައިޔޫ އިން ޔަގީނެއް ނުކުރި.

- ދައުލަތުގެ ކުންފުންޏަކުން (އެމްއެމްޕީއާރުސީން) ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރުމަށް ފަހު، ފައިސާގެ ގޮތުގައި ވިތުޑްރޯކޮށްފައި ވިޔަސް އެކަން ނުބެލުން.

- އެސްއޯއެފް އަށް ޖަމާކުރި ފައިސާ އަކީ އެ ކުންފުނިން ފޯރުކޮށްދިން ޚިދުމަތަކަށް އެމްއެމްޕީއާރުސީން ދޫކުރި ފައިސާކަން ފައިނޭންޝަލް ސްޓޭޓްމެންޓްތަކުން ފެންނަން ނެތުން.

- އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިންކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުން.

- އެފްއައިޔޫގެ ޒިންމާ އަކީ މަނީ ލޯންޑެރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވުން ކަމަށް ވިއަސް އެ ޒިންމާ އަދާކޮށްފައި ނުވުން.

މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު އޭސީސީއަކަށް ނޯވެ އެވެ. އެއާއެކު ނުހައްގު މުއްސަނދިކަން ބެލޭނެ އޮނިގަނޑެއް ނެތުމަކީ ވެސް އޭސީސީގެ ކަންބޮޑުވުމެކެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ޖޮއިންޓް އިވެންސްޓިގޭޝަނެއް ކުރިއަށް ގެންދަން ފުލުހުންގެ އިދާރާގައި 2017 ވަނަ އަހަރުން ފެށިގެން އެދެމުން އައި ނަމަވެސް މިހާތަނަށް ވެސް އެ ފުރުސަތު ލިބިފައި ނެތް ކަަމަށް އޭސީސީން ބުންޏެވެ.