ސަލާމަތީބާރުތަކުން އޮތީ ތައްޔާރަށް، ސަރުކާރަށް ގުޑުން އަރުވާލެވޭނެ ބަޔަކު ނެތް: ހޯމް މިނިސްޓަރު

ޣައިރު ގާނޫނީ ހަރަކާތްތަކަކުން ރާއްޖޭގެ ވެރިކަން ވައްޓާލަން ފުރުސަތެއް ނެތް ކަމަށާއި އެފަދަ ކަމެއް ގައުމަށް ކުރިމަތިވިޔަ ނުދޭން ސަލާމަތީބާރުތަކުން ތިބީ ސާބިތުކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެެއްޖެ އެވެ.


ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. ބީބީސީގައި ޝާއިއުކުރި ރިޕޯޓެއްގައި، އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ވަނީ ރާވައިފަ އެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެކަން ފެންނާނެ ކަމަށާއި އެކަމަކު މި ރޭވުމުގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް މި ރިޕޯޓުގައި ބުންޏެވެ.

ރައްޔިތުންނަށް 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެން ދެން، ސަރުކާރާ ތޮޅެން އަންނަ ބަޔަކަށް އެކަން ކާމިޔާބެއް ނުވާނެ. ސަރުކާރަށް ގުޑުންއަރުވާލެވޭނެ ބަޔަކު ނެތް. ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް. -- ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ގާނޫނީ ވެރިކަމެއް ކަމަށެވެ. ޣައިރު ގާނޫނީ ހަރަކާތްތަކަކުން ވެރިކަން ވައްޓައިލަން މަސައްކަތް ކުރުމަކީ ގާނޫނުތަކާ ހިލާފު، އަދި ދުނިޔޭގެ އެއްވެސް ތަނަކުން ހަޖަމްކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރު ވައްޓާލާނެ ކަމަށް ބުނާ ބުނުމަކީ ގާނޫނާ ހިލާފު ވާހަކަތަކެއް. ޑިމޮކްރަސީއާ ބީރައްޓެހި ނާތަހުޒީބު ވާހަކަތަކެއް. މިއީ އެއްވެސް މުޖުތަމައަކުން ބަލައިގަންނާނެ ކަމެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ވާހަކަތަކެއް ފަތުރަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށެވެ. އެފަދަ އުރައްޕެއް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދެ އަހަރުގެ ތެރޭގައި ގައުމަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދެއްވާފައިވާ ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އަޒްލީން ވިދާޅުވި އެވެ.

ހުރިހާ މުއައްސަސާތަކާ އެކު ސަރުކާރު އޮތީ، ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަރަށް ބަދަހިކޮށެވެ.

ހޯމް މިނިސްޓަރު އަޒްލީން ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލުކުރައްވަނީ. --ފައިލް ފޮޓޯ: ޕޮލިސް

"ރައްޔިތުންނަށް 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެން ދެން، ސަރުކާރާ ތޮޅެން އަންނަ ބަޔަކަށް އެކަން ކާމިޔާބެއް ނުވާނެ. ސަރުކާރަށް ގުޑުންއަރުވާލެވޭނެ ބަޔަކު ނެތް. ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ޕްލޮޓްތަކެއް ރާވައި ނޮވެމްބަރު 3، 1988، ގައި ރާއްޖެ އަށް ދިން ކަހަލަ އުދުވާނީ ހަމަލާއެއް ކުރިމަތި ނުކުރެވޭނެ އެވެ. ގައުމަށް ކުރިމަތިކުރާ ކޮންމެ އުދުވާނީ ހަމަލާއަކުން ދިފާއުކޮށްދޭން ފުލުހުންނާއި ސިފައިން ތިބީ ހުށިޔާރުވެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ވައްޓައިލަން ރާވާފައިވާ ކަމަށް ބީބީސީން ބުނި އިރު، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން ވަނީ އެއްގަލަކަށް އަރުއްވައި އިދިކޮޅު އިއްތިހާދެއް އުފައްދަވާފަ އެވެ. ސަރުކާރު ވައްޓާލައި އިންތިގާލީ ވެރިކަމެއް ގާއިމްކުރަން އުފެއްދި އެ އިއްތިހާދުގެ ބައެއް ލީޑަރުން ވަނީ އަވަށްޓެރި ސްރީ ލަންކާ އަށް އިއްޔެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ލަންކާ އަށް ވަޑައިގަތީ "ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެ"ވެ. އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގެ އިތުރަށް، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފަ އެވެ. އެ ގޮތުން، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފަ އެވެ. އެ ކޯޅުމާ އެކު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދި، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.