އިބޫ އިންތިހާބު ކާމިޔާބުކުރާނީ 70 ޕަސެންޓް ވޯޓުން: އަލީ ވަހީދު

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، މިފަހަރުގެ ރިޔާސީ އިންތިހާބު 70 ޕަސެންޓްގެ ވޯޓާ އެކު ކާމިޔާބު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.


އިބޫ އާއި ރަނިން މޭޓް ފައިސަލް ނަސީމް، އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމާ ގުޅޭ ގޮތުން ބީބީސީގެ "ނިއުސް ޑޭ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ބޮޑު ކޯލިޝަނެއްގެ ތާއީދާ އެކު ކަމަށް ވިޔަސް މިހާރު އެމަނިކުފާނު ހުންނެވީ އެކަނި ކަމަށެވެ.

އެހެން ޕާޓީތަކުން އިބޫއަށް ތާއީދު ކުރާއިރު މި އިންތިހާބު ބޮޑު ތަފާތަކުން އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. ވޯޓުގެ 70 ޕަސެންޓް ލިބިގެން. އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު އަދި ކުރީގެ ރައީސް މައުމޫންގެ އިސްލާހީ ހަރަކާތަށް ގިނަ ބައެއްގެ ސަޕޯޓް އެބަ އޮތް ގައުމު އަނބުރާ ހޯދުމަށް،" އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯދަވައިގެން އެ ގައުމުގައި އުޅުއްވާ އަލީ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި ފަހަރުގެ އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ދޭން ޔޫއެން ފަދަ ފަރާތްތަކުން އެދުނު އިރު އެ ފުރުސަތު ނުދޭކަން ފާހަގަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު އުއްމީދު އެބަ އޮތްތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން އަލީ ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ ގައުމު އަނބުރާ ހޯދަން ލިބޭނެ ފަހު ފުރުސަތު ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފަން ރައްޔިތުން އުންމީދާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައިރި މުސްތަގުބަލެއްގައި އިތުރު ފުރުސަތެއް ނުލިބޭނެ. އޭނާ [ރައީސް ޔާމީން] މި އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ ދިވެހި ރައްޔިތުންނަށް ގައުމު އަނބުރާ ނުލިބޭނެ،" އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ފުރުސަތުގެ ބޭނުން ހިފަން. ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމާ އެކު އަދި ބަދަލަކަށް ބޭނުންވާ ބޭފުޅުން ގޮސް ވޯޓުލުމުގެ ފުރުސަތު ލިބި، ވޯޓު ގުނާ ތަނުގައި ތިބުމުގެ ފުރުސަތު ލިބިއްޖެ ނަމަ ބަދަލުގެންނާނަން."

ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅު ލީޑަރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ދިފާއީ ބާރުގެ އެތައް ބަޔަކާއި އުއްތަމަފަނޑިޔާރު އަބްދުއްﷲ ސައީދު ވެސް ޖަލަށް ލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާ އެކު މަޖިލިސް ހުއްޓުވާލައި، ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހަނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާލަތުގައި މިނިވަން އިންތިހާބެއް ލިބޭނެ ކަމަށް ގަބޫލުކުރައްވަންތޯ ކުރި ސުވާލަށް އަލީ ވިދާޅުވީ އެ ގޮތަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.