އަޒްލީން އިންތިޚާބުގައި ވާދަކުރައްވާތީ ޕީޕީއެމުން ހިތްހަމަނުޖެހިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ހުޅުމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވުމުން ޕީޕީއެމުން ހިތްހަމަނުޖެހިއްޖެ އެވެ.


ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަޒްލީން ވަނީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަން އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ފޯމު ހުށަހަޅުއްވައިފަ އެވެ. އެއާއެކު، ޕީޕީއެމްގެ ރަސްމީ ވައިބަ ގްރޫޕުން އޭނާ ވަނީ ބޭރުކޮށްލައިފަ އެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، އަޒްލީންއާ މެދު ޕީޕީއެމުގެ އިސް ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައި ނުގަތީ، ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހިމް ފައިސަލް ނުކުންނަން ބޭނުންވި ދާއިރާ އަށް ވާދަކުރައްވާތީ އެވެ.

ހުޅުހެންވޭރު ދާއިރާ އަށް ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ޓިކެޓް ދިނީ ވެސް ފައިސަލް އަށެވެ. އެ ދާއިރާ އަށް ވާދަކުރަން ޝައުގުވެރިވާ ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް ތިއްބަވަނިކޮށް، ފައިސަލް އަށް ޓިކެޓް ދިން ގޮތާ މެދު ޕީޕީއެމްގެ ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުން އޮތެވެ.

އުސޫލެއް ނެތް ގޮތަށް ޓިކެޓްތައް ބެހުމާއި ޓިކެޓް ދިން ބައެއް މީހުންގެ އަތުން އަތުލުން ފަދަ ކަންކަން ޕީޕީއެމުން ހިންގި މައްސަލައިގައި ވެސް ޕާޓީ ތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ޓިކެޓް ދިނުމަށް ފަހު، އަނބުރާ އަތުލި މައްސަލައިގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްމަތީން ވެސް ވަނީ މަގާމް ދޫކޮށްލައްވައި، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.

ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ވެސް މި އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އަޒްލީން އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވުމާ އެކު ޕާޓީގެ ވައިބަ ގްރޫޕުން ބޭރުކޮށްލި ނަމަވެސް ޖަމީލްއާ މެދު މިހާތަނަށް ފިޔަވަޅެއް ނާޅަ އެވެ.

އަމިއްލަ ގޮތުން ވާދަ ކުރައްވާ ސަބަބާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން އަޒްލީން ވިދާޅުވީ އޭނާ ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާ އިރު، އެންމެ މަސްލަހަތު ހުރި ގޮތަކީ އަދި ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ވެސް އަމިއްލަ ގޮތުން ވާދަކުރެއްވުން ކަމަށް ގަބޫލުކުރައްވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި އޭނާ އަށް ތާއީދުކުރާ މީހުން ބޭނުން ވަނީ ހުޅުހެންވޭރު ދާއިރާ އަށް ކުރިމަތިލައްވައި، އެ ދާއިރާގެ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށެވެ.