ޔާމީން ޖަލުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް: ސައީދު

ހެކި ނައްތާލާނެ ކަމުގެ ތުހުމަތާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބެހެއްޓެވުން ދެކޮޅު ނުޖެހޭ ކަމަށާއި ގާނޫނާ ޚިލާފު ބަންދުން އެމަނިކުފާނު ވީއްލަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ.

ޔާމީން ހައްޔަރުކުރީ ގާނޫނީ އިމުން ބޭރުގައި ކަމަށް ބުނެ އެމަނިކުފާނު މިނިވަންކުރަން، ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންތަކެއް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސްގެ ފަރާތްޕުޅުން "ޕޮޒިޓިވް ޖަވާބެއް" ލިބިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ސައީދު "މިހާރު" އަށް ވިދާޅުވީ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ޔާމީނަށް ނުދެއްވައި އެމަނިކުފާނު ބަންދުކޮށް އަނިޔާދެމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވި ކަމަށެވެ. އެމަނިކުފާނުގެ އަރިހުން އެދިވަޑައިގަތީ، އެ މައްސަލަ ބައްލަވައި ޔާމީނަށް އިންސާފު ކަށަވަރުވާނެ ގޮތެއް ބައްލަވައި ދެއްވުމަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ޔާމީނަށް ތުހުމަތުކުރާ މައްސަލަތަކުގައި ހެކި ނައްތާލާނެ ކަމަށް ބުނެ ބަންދުގައި ބެހެއްޓޭނެ ކަމަކަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ގަބޫލެއް ނުކުރެ އެވެ. އެމްއެމްޕީއާރުސީ މައްސަލަ އަކީ ޔާމީން ވެރިކަމުގައި ހުންނެވި އިރު ވެސް ތުހުމަތުތަކެއް އެޅުވި މައްސަލައެއް ކަމަށާއި ހެކި ފޮރުވަން ބޭނުންވި ނަމަ އޭރު ކިތަންމެ ގޮތަކަށް އެކަން ކުރެއްވެން އޮންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެކަމަކު އެކަމެއް ނުކުރައްވާ. އެހެންވީމަ އެބަ އެނގޭ، ކޮންމެވެސް ހުއްޖަތެއް ދައްކައިގެން ރައީސް ޔާމީން ކުއްލި ގޮތަކަށް ބަންދުކުރީ ކަން. އެއީ، ގާނޫނީ އިމުން ބޭރުން ހިންގާފައި އޮތް ކަމެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކުރުމަށާއި ހުކުމެއް ނެތި ޖަލު ބަންދުގައި ނުބެހެއްޓުމަށް ވަކާލާތު ކުރި ބޭފުޅުން ވެރިކަމަށް ވަޑައިގެން އަމަލުކުރަނީ ދެއްކި ވާހަކަަތަކާ ދިމާ އިދިކޮޅަށް ކަމަށެވެ. ޑިމޮކްރަސީގެ ރީތި އުސޫލަށް ގައުމުގައި ހިންގާނެ ކަމަށް ރައްޔިތުންނަށް ވައުދުވެ، ވެރިކަމާ ހަވާލުވުމާ އެކު ހަމައެކަނި އޮތް އިދިކޮޅު ޕާޓީގެ ލީޑަރު ޖަލަށް ލުމަކީ ވެސް ބަހާއި އަމަލު ދިމާނުވާ ކަމުގެ ހެއްކެއް ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މަޖިލީސް އިންތިޚާބަށް ޕީޕީއެމާއި ޕީއެންސީން ތައްޔާރުވަމުން އަންނަނިކޮށް ޔާމީން ހައްޔަރު ކުރުމަކީ ވެސް މި ސަރުކާރުގެ ނިޔަތް ރަނގަޅު ނޫން ކަން ސާފުވާ ކަމެކެވެ. އެހެންކަމުން، ޔާމީނާއި އިދިކޮޅު ޕާޓީ ނައްތާލައިގެން ވެރިކަން ކުރުމުގެ ވިސްނުން މި ސަރުކާރުން ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޔާމީނަށް އިންސާފު ހޯދައިދޭން ޕީޕީއެމާއި ޕީއެންސީ އަށް ކުރެވުނު މަސައްކަތެއް ކުރާނެ ކަމަށެވެ.