އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި މައްސަލައިގައި މާރިޔާ މާދަމާ މަޖިލިހަށް ހާޒިރު ކުރަނީ

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އޭނާ ހާޒިރު ކުރަން ނިންމައިފި އެވެ.


މިއީ ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބިފައިވާ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ މިނިސްޓަރަކު މަޖިލިހުގެ ތަޅުމަށް ހާޒިރު ކުރާ ފުރަތަމަ ފަހަރެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާދަމާގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް، މަޖިލިހުގެ އިދާރާ އިން ވަނީ މާރިޔާ އަށް ނޯޓިސް ފޮނުވައިފަ އެވެ. އެކަމަކު، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރެ އެވެ.

ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓޮމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ވަޒީރާ މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، ހިމާޔަތް ކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އިއްޒަތާއި ކަރާމާތާއި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި ރާއްޖޭގެ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ވަޒީރާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މާރިޔާ މިނިސްޓަރުގެ މަގާމުގައި ހުންނަވައި ފާޅުކުރައްވަމުން ގެންދަވާ ސިޔާސަތުތަކުން ނުވަތަ ވާހަކަތަކުން ޒިންމާތައް އަދާކުރެއްވޭތޯ، ތޯރިގް ހުށަހެޅުއްވި ސުވާލުގައި ވެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ.

އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވައި، މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ. އިންޑިއާ އިން ބޭނުންވެއްޖެ ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.

މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދެއްކެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އަދި ބައެއް މީހުން ވަނީ ޑިފެންސް މިނިސްޓަރު ކަމުން މާރިޔާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލައިފަ އެވެ.

މާރިޔާ މަޖިލިހަށް ހާޒިރު ކުރާއިރު، ހަމަ އެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވައްދައިފަ އެވެ. މިއީ ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.