މިސްކިތަށް ހޭދަކުރީ ފާތުންގެ ފައިސާ، މޯލްޑިވް ގޭހަކުން ނޫން: މައުމޫން

ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތް ކުރި މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް އެ ކުންފުނިން އާއްމުކުރި މައުލޫމާތު ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) މިއަދު ދޮގުކުރައްވައިފި އެވެ.


މޯލްޑިވް ގޭހުން ގދ. ތިނަދޫގައި ހިންގި މަޝްރޫއެއްގެ ނަމުގައި ތަކެތި ގަނެ، ހުޅުމާލޭގައި މިސްކިތް ހެދި ސައިޓަށް ގެންގޮސްފައިވާ ކަމުގެ ލިޔުންތައް އެބަހުރި ކަމަށް އާ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ވަނީ ވިދާޅުވެފަ އެވެ. އެ ހަރަދަކީ، ސީދާ ގޮތުން ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ވެސް އެ ކުންފުނިން ކުރަން ފާސްކޮށްފައި އޮތް ހޭދައެއް ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ.

އެ މައްސަލައާ ގުޅިގެން ކުންފުނީގެ ފައިސާ ހޭދަކުރި ގޮތުގެ އޮޑިޓެއް ހަދަން މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މޯލްޑިވް ގޭހާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންނެވެ.

ޝަޒައިލްގެ ތުހުމަތުތައް ދޮގު ކުރައްވައި މާނު "މިހާރު" އަށް ވިދާޅުވީ ދެ އަހަރުން ނިމުނު މިސްކިތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ އިރު، މޯލްޑިވް ގޭހުން ކުރި އެއްވެސް ހަރަދެއް ނޯންނާނެ ކަމަށެވެ. ހުރިހާ ހޭދައެއް ކުރެއްވީ، ފަސްޓް ލޭޑީ ފާތުންގެ އަމިއްލަފުޅު ފައިސާ އިން ކަމަށް މާނު ވިދާޅުވި އެވެ.

"މިސްކިތަކަށް އެއްވެސް ހަރަދެއް މޯލްޑިވް ގޭހަކުން ކޮށްފައެއް ނުވާނެ. ކުރި ނަމަ، ކީއްވެތޯ މިސްކިތް ނިންމަން ދެ އަހަރަށް ވުރެން ގިނަ މުއްދަތެއް ހޭދަވީ؟ ހަގީގަތަކީ މިސްކިތުގެ ހުރިހާ ހަރަދެއް ވެސް ކޮށްފައި ވަނީ މެޑަމް ފާތުމަތު އިބްރާހީމްގެ ފައިސާ އިން،" މާނު ވިދާޅުވި އެވެ.

"ދެ އަހަރު ދުވަސް ނެގީ ވެސް ކުލިންނާ އެކު މެޑަމް އަށް ލިބޭ މިންވަރުން ހޭދަކޮށްގެން މިސްކިތް ނިންމަންވީމާ. ވަރަށް ހާލުގައި އެތަން ނިމުނީ."

މާނު ވިދާޅުވި ގޮތުގައި ފަސްޓް ލޭޑީ ފާތުންގެ ފައިސާގެ އިތުރުން މިސްކިތުގެ ކުލަ އާއި އެ ނޫން ވެސް ބައެއް މަސައްކަތްތަކަށް ހެޔޮއެދޭ އަމިއްލަ ފަރާތްތަކުން ހޭދަކުރި އެވެ. އެ މިސްކިތަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ) އިން ވެސް ހޭދަކުރި ކަމަށް ވެސް އަޑު ފެތުރުނު ކަމަށާއި އޭގައި ވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެތަން ހުޅުވަން އަޅުގަނޑުމެން މުސައްލަ ބޭނުންވާ ވާހަކަ ބުނީމާ، ބައިވަރު މީހުން މުސައްލަ ހޭދަކުރި. ޚަތިމް، ބައިވަރު މީހުން ހަދިޔާކުރި. ކުލަ ހަދިޔާކުރަން ބައިވަރު މީހުން ތިބޭނެ. އެ މީހުން ބޭނުމެއް ނުވޭ ނަން އެނގޭކަށް،" މާނު ވިދާޅުވި އެވެ.

މިސްކިތަށް، މޯލްޑިވް ގޭހުން ހޭދަކުރި ކަމަށް މި ސަރުކާރުން އައްޔަން ކުރި މެނޭޖިން ޑިރެކްޓަރު ތުހުމަތު ކުރާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އިމާރާތްކޮށްފައިވާ މަސްޖިދުލް ވާލިދައިން، އޮގަސްޓް، 20، 2018 ގައި ހުޅުއްވައިދެއްވީ ޔާމީނެވެ. ދެ ބުރި އަށް ހަދާފައިވާ އެ މިސްކިތުގައި އެއްފަހަރާ 700 މީހުންނަށް ނަމާދު ކުރެވެ އެވެ.

އެ މިސްކިތަށް މޯލްޑިވް ގޭހުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރިކަން ފަޅާއެރީ، އެ ކުންފުނިން ތިނަދޫގައި ހިންގި މަޝްރޫއެއްގެ ނަމުގައި ގަނެފައިވާ ގިނަ އަދަދެއްގެ ސާމާނު، މިސްކިތް އިމާރާތްކުރި ސައިޓަށް ގެންގޮސްފައިވާ ކަމުގެ ލިއުންތަކަކުން ކަމަށް ޝަޒައިލް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިސްކިތަކަށް މޯލްޑިވް ގޭހުން ހޭދަކުރަން ޖެހޭ އެއްވެސް ސަބަބެއް އެ ކުންފުނީގެ އެއްވެސް ލިއުމަކުން ސާފުވާން ނެތެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުގައި ވެސް މިސްކިތަށް ހޭދަކުރަން ބޯޑުން ނުވަތަ ކުންފުނީގެ މެނޭޖްމެންޓުން ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.