ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ ހުކުމް އިއްވުން މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރި މައްސަލަައިގެ އިސްތިއުނާފްގެ ހުކުމް އިއްވުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.


ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔާމީންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށްޓަކައި އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފްރީޒުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓްތަކެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.

އެގޮތަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދެއްވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނު ގެންދިޔައީ މާފުށީ ޖަލަށެވެ.

އެކަމަކު މިވަގުތު އޮންނެވީ ހިތްޕުޅުގެ މައްސަލައެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.

މަނީ ލޯންޑަރިންގެ ދައުވާގައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

ޔާމީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން އެނގިވަޑައި ވެސް ނުގަންނަވާ ކަމަށެވެ.

މަނީ ލޯންޑަކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދައުވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ކޮށްފަ އެވެ.