ކޮރަލް ބޮލެވާޑް ހުޅުމާލެއަށް ބަދަލު ކުރަން އެއްބަސްވުމަކަށް އަދި ނާދެވޭ: ހައުސިން

ކޮރަލް ބްލެވާޑްގެ ނަމުގައި ރަސްފަންނު ސަރައްދުގައި ސިންގަޕޫރުގެ ކުންފުންޏަކުން ހިންގަން ފަށާފައިވާ ފްލެޓް މަޝްރޫއު ހުޅުމާލެ އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް ކުންފުންޏާ އެކު އެއްބަސްވުމަކަށް އަދި ނާދެވޭ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހެދި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ހިންގަން ހުއްދަ ދިން މަޝްރޫއުގައި މަތީ ފެންވަރުގެ 350 އެޕާޓްމަންތްގެ އިތުރުން ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހިމެނެ އެވެ.

އެ ފްލެޓް އަޅަން ނިންމާފައި އޮތީ އައިޖީއެމްއެޗާ ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ޓިނު ޖަހައި، އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އެ އިމާރާތް ކުރަން ބަންދުކުރި ބޮޑުތަކުރުފާނު މަގު ހުޅުވައިލުމުގެ މަސައްކަތް ފަށައިފަ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ އެ މަގު ހުޅުވާލަން ނިންމީ އެ ކުންފުނިން އެކަމަށް އެއްބަސްވުމުން ކަމަށެވެ. އެ ޕްރޮޖެކްޓް ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު އަދި ވަކިގޮތެއް ނުނިމޭ ކަމަށް ޝާމިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާން ކުރާނަން ނިންމާގޮތެއް. މިހާރު މަޝްވަރާތައް ދަނީ ކުރަމުން،" ޝާމިން ވިދާޅުވި އެވެ.

ރަސްފަންނު މިކްސްޑް ޔޫޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތާޖުއްދީން ސްކޫލް ފުރަގަހުގައި ހަދަން ނިންމި ހަތަރު ޓަވަރަކީ 25-28 ބުރީގެ އިމާރާތްތަކެކެވެ. އޭގެ ތެރޭގައި 128 ކޮޓަރި ހިމެނޭ ފަސް ތަރީގެ ހޮޓަލެއް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ އެ ޕާޓްމަންޓުތަކެއް ވަނީ ކުރިއާލައި ވިއްކައިފަ އެވެ.

މަޝްރޫއާ ބެހޭ ގޮތުން މިހާރުގެ ސަރުކާރުން ނިންމި ނިންމުމާ ބެހޭ ގޮތުން ކުންފުނިން އެއްވެސް މައުލޫމާތެއް ލިބޭތޯ "މިހާރު"ން މަސައްކަތްކުރި އެވެ. އެކަމަކު ޗަންހުއާގެ އެއްވެސް އޮފިޝަލަކާ ގުޅޭ ގޮތެއް ނުވި އެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޗަންހުއާ އަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހެ އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.