ޒުލޭހާ އަދިވެސް ހެއެއް ނާރާ: އާއިލާ

ތ. ތިމަރަފުށީގައި އަންގާރަ ދުވަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުލޭޚާ އަބްދުުލް ޣަނީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ. އެކަމަކު އޭނާ އަދިވެސް ހެއެއް ނާރަ އެވެ.


އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 52 އަހަރުގެ ޒުލޭޚާ އަކީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތަ އެވެ.

ގިޔާސް "މިހާރު" އަށް ވިދާޅުވީ ޒުލޭޚާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ވިދާޅުވި ނަމަވެސް، އޭނާ އަދި ހޭ ނާރާ ކަމަށެވެ. އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޒުލޭޚާ އަދިވެސް ނޭވާލަނީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ. ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅުމުން އެ ހޮސްޕިޓަލުން ވަނީ އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

"އިތުރު އޮޕަރޭޝަނެއް ކުރާ ނަމަ ކުރާނީ މިރޭގެ ފަހުން. ޑޮކްޓަރުން ވިދާޅުވީ [ސިކުނޑީގެ] އެ އޮޕަރޭޝަނަށް 48 ގަޑިއިރު ވާ ފަހުން ކަމަށް އެހެން އޮޕަރޭޝަނަކާ ހަމައަށް ދެ ވޭނީ،" ގިޔާސް ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި، ފަސް ކުދިންގެ މަންމަ ޒުލޭޚާގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓާއި ތިން ދަތް ވެސް ވަނީ ބިނދިފަ އެވެ.

ވަންދު އަށް އުފަން ޒުލޭޚާ ތިމަރަފުށްޓަށް އަންގާރަ ދުވަހު ދިޔައީ އޭނާގެ އާއިލާގެ ބަޔަކު މާލެއިން އަންނާތީ، އެ މީހުން ބަލަ އެވެ. އެކްސިޑެންޓް ހިނގީ ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ޒުލޭޚާ އާއި އޭނާގެ ފިރިމީހާ ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓިގެން އޭނާގެ ގައިގައި ޖެހުމުންނެވެ. މި އެކްސިޑެންޓުގައި އެހެން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ވޭން ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.

ކަފިހި ހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ޓެކްސީ އަކުން ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ އަށް އަދިވެސް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. ސިކުނޑި އަށް ލޭ އެޅުނު އެ އަންހެން މީހާ އަދިވެސް އޮތީ ނާޒުކު ހާލަތެއްގަ އެވެ. އެ އެކްސިޑެންޓުގައި، ޓެކްސީ ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހުއްދަ ބާތިލްކޮށްފަ އެވެ. އަދި އެ ޑްރައިވަރަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.