މިއަހަރު ނިމޭ އިރު މަހުގެ ހަމަ އަގު ލިބެން ފަށާނެ: ރައީސް

މި އަހަރު ނިމޭ އިރު މިފްކޯ އަށް އަމިއްލަ ފައިމައްޗަށް ތެދުވެވި، ރާއްޖޭގެ މަސްވެރިންނަށް މަހުގެ ހަމަ އަގު ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރެއްވުމަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި އިރު މިފްކޯ އޮތީ ދަރަނި ބޮޑުވެ، ހިނގައި ނުގަނެވޭ ހާލަތެއްގައި ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ހިންގުމަށް ގެނައި ބަދަލާއި މިފްކޯގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު މި އަހަރު ނިމޭ އިރު މިފްކޯ އަމިއްލަ އަށް ހިންގޭ ވަރު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމަ އެއާ އެކު ރައްޔިތުންނަށް، މަސްވެރިންނަށް ބޭނުންވާ މަހުގެ ހަމަ އަގު ލިބި، އެތައް އެތައް ލުއިތަކެއް މަސްވެރިންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނ.ކެނދިކުޅުދުއަށް ވަޑައިގެންނެވުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ. ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއަޓް

ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދިފައިވާ މިންވަރާ ބެހޭ ގޮތުން ސަރުކާރުން އަލަށް ކުރަން ފަށާފައިވާ ބައެއް ކަންތައްތައް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން ސްކޫލް ކުދިންނަށް ނާސްތާދޭން ފެށުމާއި ކާޑުގެ އަގު މުޅި ރާއްޖޭގައި އެއް ހަމައަކަށް ގެނައުމުގެ ކަންތައް ފާހަގަ ކުރެއްވި އެވެ. ކާޑުގެ ބާވަތްތައް މުޅި ރާއްޖޭގައި ހަމަހަމަ ވާނީ އޭޕްރިލް އެކެއްގަ އެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ ސިޔާސަތުތަކަށް ތާއީދުކުރާ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެގޮތުން އެމްޑީޕީން ގެންގުޅޭ "އެޖެންޑާ 19" މެނިފެސްޓޯގައި އެހުރީ ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތަފްސީލްތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ވަނީ ކުރިން އައްޑުއަށާއި ވ. އަތޮޅަށް ވެސް ދަތުރުކުރައްވާފަ އެވެ.